ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ޖުމްލަ 7 ވޯޓުފޮށި ބަހައްޓަން ނިންމައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އަންނަ މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށްޓަކައި، މާލެއާއި އައްޑޫ ސިޓީ ހިމެނޭހެން ޖުމްލަ ހަތް ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމަވައިފިއެވެ.

Ads by Allied

އެ ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި، މި އިންތިޚާބުގައި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައި ދެ ފޮށި ބަހައްޓާނެއެވެ. އަދި އައްޑޫ ސިޓީގައި ވޯޓުލާ ފަރާތްތަކަށް ހިތަދޫ ސްކޫލުގައި ފަސް ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ފޮއްޓަކަށް ވޯޓުލާނެ މީހުންގެ ތަފްސީލުތައް އީސީން މިހާރު ވަނީ ޢާންމުކުރައްވާފައެވެ.

ޖުމްލަ 4،114 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ މަހުގެ 6ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި ގޮނޑިއަށް ވާދަކުރައް ވަނީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އަޙްމަދު ސަޢީދު އަދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، މިއަހަރު ބޭއްވި އާންމު އިންތިޚާބުގައި އެ ގޮނޑި ކާމިޔާބުކުރެއްވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ޝަރީޢަތަށް ކަށަވަރުވެ، އެ ފައިސާ ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ސާބިތުވާތީ އޭނާގެ މެންބަރުކަމުގެ ޝަރުތު ފުރިހަމަނުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުއްވުމާ ގުޅިގެންނެވެ.

Ads by Allied Insurance