ޚަބަރު

ދެވަނަ ދައުރެއް ކާމިޔާބުކުރައްވާ ފުރަތަމަ ރައީސަކަށް ވެވަޑައިގަންނަވާނީ ޑރ. މުޢިއްޒު: އަބްދުއްރަހީމް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އަންނަ 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ވިދިވިދިގެން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Allied

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ވެސް ރައީސް ޑރ. މުޢިއްޒެވެ. އަދި ޤައުމުގެ އިޤުތިޞާދު ފުން ވަޅުގަނޑަކުން ސަލާމަތްކޮށް، މާލީ ހާލަތު ހަމަމަގަށް އެޅުވުމަށް އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަކީ މި ސަރުކާރުން ހާސިލުކޮށްފައިވާ އެންމެ ބޮޑު އެއް ކާމިޔާބީކަމުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންކަމަށް އަލިއަޅުއްވާލައްވައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ރައީސް ޑރ. މުޢިއްޒާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ އަސްލު ސަބަބުތައް ވެސް އަބްދުއްރަހީމް ވަނީ ސާފުކޮށްދެއްވާފައެވެ. އަދި ދިވެހި ރައްޔިތުން މިއަދު ތިބި ސިޔާސީ ފިކުރާއި، ސަރުކާރަށް އޮތް ބޮޑު ތާއީދު ކުރިއަށް އޮތް ތަނުގައި އިތުރަށް ހާމަވެގެންދާނެކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.

Ads by Allied Insurance