ޚަބަރު

ރާއްޖޭގައި އުޅޭ 98 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު ދައުލަތުގެ ނިޒާމަށް ނަގައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ ފިންގަޕްރިންޓާއި މޫނު ދެނެގަނެވޭ ފޮޓޯ ހިމެނޭހެން ބަޔޯމެޓްރިކް ޑޭޓާ ނަގައި ނިންމާލައިފިކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

Ads by Allied

އެ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ރާއްޖޭގައި ބަޔޯމެޓްރިކް ރެކޯޑްތައް ސާފުކޮށް ފެންނަން ހުރީ އެކްޓިވް ވޯކްޕާމިޓް އޮތް ބިދޭސީންގެ ތެރެއިން އެންމެ 13 އިންސައްތަ (27،200) މީހުންގެއެވެ. ނަމަވެސް، ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި މި އަދަދު ވަނީ 202،224 އަށް އިތުރުކުރެވިފައެވެ. މިއާއެކު، ސައްހަކަން ކަށަވަރުކުރެވިފައިވާ ބިދޭސީންގެ ނިސްބަތް ވަނީ 13 އިންސައްތައިން 95 އިންސައްތައަށް އުފުލިފައެވެ.

މީގެ އިތުރުން، ގަވާއިދާ އެއްގޮތަށް ވޯކްޕާމިޓާއި ވިސާ ފީ ދައްކާފައިވާ ފަރާތްތަކުގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނިމިދިޔަ ސަރުކާރު ނިމުނުއިރު 80 އިންސައްތަ ބިދޭސީންނަކީ ފީ ނުދައްކާ އުޅުނު މީހުންކަމަށް ވީނަމަވެސް، މިހާރު އެ ނިސްބަތް ވަނީ 34 އިންސައްތައަށް ތިރިކުރެވިފައެވެ. އަދި ގަވާއިދަށް ފެތޭ ގޮތަށް ފީ ދައްކައިގެން އުޅޭ މީހުންގެ އަދަދު 60،520 އިން 152،634 އަށް ވަނީ އިތުރުވެފައެވެ.

ކާކުކަން ނޭނގޭ ގޮތަށް ރާއްޖޭގައި އުޅެމުންދިޔަ 181،000 އަށްވުރެ ގިނަ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނެވި، މިހާރު ރެކޯޑުތަކުން ނުފެންނަނީ އެންމެ 2،895 މީހުންނެވެ. މިއީ ޖުމްލަ އާބާދީގެ އެންމެ އެއް އިންސައްތައެވެ. ދާހިލީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި މިއީ ބިދޭސީންގެ ކަންކަން އެންމެ ހަރުދަނާކޮށް ބަލަހައްޓާ ސިންގަޕޫރު ފަދަ ގައުމުތަކާ އެއްވަރުގެ ނަތީޖާއެކެވެ. މިއީ އެތައް އަހަރެއް ވަންދެން ގައުމުގައި އޮތް ބޮޑު މައްސަލައަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މި ކާމިޔާބީއަކީ ހޯމް މިނިސްޓްރީއާއި، އިމިގްރޭޝަން އަދި ކައުންސިލްތައް ގުޅިގެން ގައުމީ ސަލާމަތަށްޓަކައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހީގެ ދަށުން ދެން ކުރިއަށްދާނީ، ރެކޯޑު ނެތް 2،895 މީހުން ހޯދައި ޑީޕޯޓުކުރުމާއި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި ވިސާ ނެތް ބިދޭސީން ހައްޔަރުކޮށް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތްކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance