ޚަބަރު

އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރި މައްސަލައިގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) / ފޮޓޯ:އަވަސް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ފައިސާ ލޯންޑާކުރި މައްސަލައިގައި ޕޮޕިއުލާ މޯލްޑިވްސްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

Ads by Allied

އޭސީސީން މިއަދު ބުނީ އެ މައްސަލަ އެ ކޮމިޝަންއިން ތަހުގީގުކޮށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭސީސީން ބުނީ 2014ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން 2015ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

އެގޮތުން 13 ޖުލައި 2015ގައި އެސް.އޯ.އެފްގެ ޗެކެއް މެދުވެރިކޮށް 150,000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށާއި އަދި އެ ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ހަމަ އެހެންމެ އެ ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް އިން މަސައްކަތްކޮށްފައިވާކަން ވެސް ހޯދިފައިވާކަމަށް ބުންޏެވެ.

"ތ. އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ވަނީ ހޯދިފައެވެ. ތ.އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި ތ. އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްގީ ކުރަންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހިތިޔާރާއި އެއްބަސްވުން ބާތިލްކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަން ތަހިގީގަށް ފާހަގަވެފައިވެއެވެ." އޭސީސީން ބުންޏެވެ.

އެހެންވެ އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވުމަށް ވެސް ވަނީ ނިންމާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

Ads by Allied Insurance