ޚަބަރު

ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ސިނާއަތަށް އެހީވެވޭނެ ގޮތްތައް ދަނީ ބަލަމުން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މީގެ ކުރިން ރާއްޖެ އައި ފަތުރުވެރިންތަކެއް މާލޭގައި/ ފޮޓޯ: ދެން

މެދު އިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެ ސިނާއަތަށް އެހީވެވޭނެ ގޮތްތައް ބަަލަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Allied

ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން އިއްޔެ ނެރުނު ބަޔާނުގައި ބުނިގޮތުގައި ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، 500މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ލިބިފަ އެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުގެ އެހީތެރިކަމަށް ވެސް ވަނީ އެދިފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކޮމިޓީން އެކަން ބަލަމުންދާ ކަމަށެވެ.

އަދި ކަމާ ބެހޭ ފަރާތްތަކާއެކުވެސް އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އަދި އޭގެ ފަހުން އެކަމާ މެދު ގޮތެއް ނިންމެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަޓާޓޯ އަދި އެންއެޗްޖީއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރަށާއި ބުކިންތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ރަސްމީ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް ބަޔާނުގައި ބުނެފައިވަނީ، މާޗް އަދި އޭޕްރީލް މަހު ފަތުރުވެރިން އައި އަދަދު ދަށްވެފައިވާއިރު، މި ހިނގާ މެއި މަހު އެ އަދަދު އިތުރަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ads by Allied Insurance