އެސްއެމްއީ ޑިޖިޓަލްގެ ހިންގުން ހަރުދަނާކޮށް، ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދަށަށް ބަދަލުކޮށްފައިވާ އެސްއެމްއީ ޑިޖިޓަލްގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަވާނެ ގިނަ އިންތިޒާމުތަކެއް ހަމަޖައްސައި، ކުރިއެރުންތަކެއް ގެނެސްފިއެވެ.
ބީއެމްއެލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުރިން ހިންގި އެސްޑީއެފްސީ ރީބްރޭންޑްކުރުމަށް ފަހު، މިހާރު ވަނީ ކަސްޓަމަރުންނާ ގާތުން މަސައްކަތްކުރުމަށް "ރިލޭޝަންޝިޕް ބޭންކިން" އުސޫލު ތައާރަފުކޮށްފައި ކަމަށެވެ. އަދި މި އާ މޮޑެލްގެ ސަބަބުން ކޮންމެ ކަސްޓަމަރަކަށް ވެސް ހާއްސަ މުވައްޒަފެއް ހަމަޖެހި، އެކި މުވައްޒަފުންނާ މުއާމަލާތްކުރަން ޖެހުމުގެ ބަދަލުގައި އެއް ފަރާތަކުން ހުރިހާ ހިދުމަތެއް ލިބުމުގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ. މީގެ އިތުރުން، ބީއެމްއެލްގެ ނިޒާމުގެ ތެރެއިން މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެ ކުންފުނީގެ ލޯނުތަކަށް މިހާރު ފައިސާ ދެއްކޭނެ މަގު ވެސް ވަނީ ފަހިކޮށްދީފައިވާނެ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.
ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ވަކި ބޯޑަކުން ހިންގަމުން އަންނަ އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ މަރުކަޒީ ބޭންކުގެ މިންގަނޑުތަކާ އެއްގޮތަށް ގަވަނެންސް ރަނގަޅުކުރުމެވެ. ބަދުރުއްދީން ފާހަގަކުރެއްވި ގޮތުގައި، ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައި ނެތްނަމަވެސް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ އުސޫލުތަކާ އެއްހަމައަކަށް ކުންފުނީގެ ސިޔާސަތުތައް ބައްޓަންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކުންފުނީގެ މުސްތަގުބަލުގެ ތަސައްވުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބަދުރުއްދީން ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެނީ ސައްތައިން ސައްތަ އިސްލާމީ ޝަރީއަތާ އެއްގޮތަށް ހިންގާ މާލީ އިދާރާއަކަށް އެތަން ބަދަލުކުރުމަށެވެ. މިގޮތުން، ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާކާރުން ހިމެނޭހެން ޝަރީއާ އެޑްވައިޒަރީ ބޯޑެއް އެކުލަވާލައި، ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް ޝަރީއާ ހަމަތަކުގެ މަތިން ރީފައިނޭންސް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.