ޚަބަރު

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްގެ އޮނިގަނޑަށް ފެއްތުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުން ސިވިލް ސަރވިސްގެ އޮނިގަނޑުގެ ތެރެއަށް ފެއްތުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

Ads by Allied

މި އިސްލާހު ހުށަހެޅީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲއެވެ. މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އޮންނަ ގޮތުން، އެލްޖީއޭއަށް މީހުން ވަޒީފާއަށް ނެގުމާއި ވަކިކުރުމުގެ އެންމެހައި އިޚުތިޔާރުތައް ލިބިދީފައި ވަނީ އެ އޮތޯރިޓީގެ ބޯޑަށެވެ. ނަމަވެސް، އަލަށް ގެންނަން އުޅޭ ބަދަލާ އެކު މި ބާރުތައް ބޯޑުގެ އަތުން ނެގުމަށްފަހު، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަޝްވަރާގެ މަތިން މުވައްޒަފުންނާ ގުޅޭ އެންމެހައި ކަންކަން ނިންމާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، އެލްޖީއޭގެ މުވައްޒަފުންގެ ކަންކަމުގައި ޖަވާބުދާރީވާނެ އެންމެ އިސްވެރިޔަކީ ސީއީއޯ ކަމުގައި މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، އެ އިދާރާގެ މަޤާމުތަކަށް ދެވޭނެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދެން ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

މުވައްޒަފުންގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކުގެ އިތުރުން، މި ބިލުގައިވާ އަނެއް މުހިންމު ނުކުތާއަކީ ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ލިސްޓަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރުކުރުމެވެ. ކައުންސިލްތަކުގެ މަސައްކަތްތައް ގާތުން ބަލައި ވިލަރެސްކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ އެލްޖީއޭގެ ނިޒާމު މި އިސްލާހުތަކުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ބަޔާންކުރެއެވެ.

Ads by Allied Insurance