ރަސްދޫ މާރާމާރީ: ހަމަލާ އަމާޒުވި ޒުވާނާގެ މަންމަ ނިޔާވެއްޖެ
އއ. ރަސްދޫ ގެސްޓުހައުސްއެއްގައި މަސައްކަތްކުރާ ޗައިނާ ބަޔަކު، ދިވެހި ޒުވާނަކަށް ހަމަލާދިން މަންޒަރު ފެނި އެކަމުގެ ސަބަބުން ލިބުނު ޝޮކްގައި ފަރުވާ ހޯދަމުން ދަނިކޮށް ޒުވާނާގެ މަންމަ ނިޔާވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މާރާމާރީ ހިންގާފައި ވަނީ މި މަހުގެ 8ވަނަ ދުވަހުގެ ރޭ ދަންވަރު 00:51 އެހައިކަންހާއިރު ކަމަށާއި ރަސްދޫ ގެސްޓްހައުސްއެއްގައި މަސައްކަތްކުރާ ޗައިނާގެ ދެ ރައްޔިތަކު، މީހަކަށް ދަގަނޑުބުރިއަކުން ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގިއިރު އެ މަންޒަރު ފެންނަ ހިސާބުގައި އަނިޔާ ލިބުނު ޒުވާނާގެ މަންމަ ހުރިކަމަށެވެ. ހަމަލާދިން މަންޒަރު ފެނި އޭނާގެ މަންމަ ވަގުތުން ހޭނެތިގެން ވެއްޓުނު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ފަރުވާއަށް ރަސްދޫ ސިއްހީ މަރުކަޒަށް ވަގުތުން ގެންދިޔަ ކަމަށާއި އޭނާގެ ހާލު އިތުރަށް ދެރަވެ، ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާގެ ސަބަބުން ހާލުދެރަވެ، ޑޮކްޓަރުން އުންމީދު ކަނޑާލާފައިވަނިކޮށް އެ ޒުވާނާގެ މަންމަ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ވެސް "ދެން" އަށް މައުލޫމާތު ލިބެއެވެ.