ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު 15އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ މުރަކަ / ގއ. ކަނޑުހުޅުދޫ، ޝަރަފުﷲ އިސްމާޢީލް (43އ)ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ އެ އިދާރާއަށް ހުށަހެޅުމާއެކު އެ މައްސަލައިގެ ތަހުގީގު ފެށި ކަމަށެެވެ. އަދި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ދައުވާކޮށް އެ މީހާ 15އަހަރަށް ޖަލަށް ލާން މިހާރު ހުކުމް އިއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ ހުކުމްއަށް ތައުރީފްކޮށް ފުލުހުން ބުނީ މިއީ ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ހިދުމަތުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް އެމުނިގެން ދިޔަ އިތުރު ބޮޅެއް ކަމަށެވެ.