މިހާރަށް ބިން ލިބިފައި އޮތީ 10،700 ފްލެޓު އެޅޭވަރަށް، އިތުރަށް ބިން ހޯދުމުގެ މަސައްކަތް ކުރަމުންދަނީ: މުއްޠަލިބް
މާލެ ސަރަހައްދުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން 10،700 ފްލެޓް އެޅުމަށް ބިން ވަނީ ކަށަވަރުވެފަ، ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު ބިން ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުވުމުގައި، ކުރައްވާތަފާތު އެކި ފަންޑުތަކުގެ އެހީގައި ގިނަ މަޝްރޫޢުތަކެއްގެ ފައިސާ މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އޭގެ ތެރޭގައި އަމަލީ މަސައްކަތް ފެށިފައިވާ 3،260 ފްލެޓާއި، ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި އިމާރާތްކުރާ 540 ޔުނިޓާއި، އިންޓަރެސްޓް ފްރީ ލޯނެއްގެ ދަށުން ހަދާ 500 ޔުނިޓު ހިމެނޭ ކަމަށެވެ. މީގެ އިތުރުން ސައުދީ ފަންޑުން 400 ފްލެޓް އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގުޅީފަޅުގައި 4،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ވަނީ ނިމިފައެވެ.
ހެޔޮ އަގެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކޮންޓްރޯލް ކުރެވިފައިވާ އަގުތަކެއްގައި 2،000 ފްލެޓް ވިއްކުމުގެ އައު މަޝްރޫޢެއް ފެށުމަށް ވެސް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ބިން ހިލޭ ދޫކޮށްގެންނާއި ޑިވެލޮޕަރުންނަށް ޚާއްޞަ އިނާޔަތްތަކެއް ދީގެން ހިންގާ މި މަޝްރޫޢަށް ގިނަ އަދަދެއްގެ ދިވެހި ކުންފުނިތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، މިކަމާ ގުޅޭ ނިންމުންތައް ނިންމުމަށް މިހާރު ވަނީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައެވެ. އަދި މީގެ އިތުރުން ވެސް 1،000 ފްލެޓް އެޅުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.
މި ހުރިހާ މަޝްރޫޢުތަކެއް އެއްކޮށްލުމުން ޖުމްލަ 10،700 ފްލެޓް އެޅުމުގެ ޖާގަ މިހާރު ލިބިފައިވީ ނަމަވެސް، ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަކީ ވައިގެ ބަނދަރަށް މަތިންދާބޯޓުތައް ތިރިކުރާ ސަރަހައްދަށް ވުމުން ދިމާވާ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެ ސަރަހައްދުގައި އިމާރާތްތައް އެންމެ އުސްކުރެވެނީ 14 ބުރިއަށް ކަމަށްވާތީ، ބިމުގެ ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީން މިހާރު އަންނަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު އިތުރު ބިންތައް ހޯދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އަދި މާލެ ސަރަހައްދުންނާއި މާލެތެރެއިން ވެސް ބޯހިޔާވަހިކަމަށް ބޭނުންކުރެވިދާނެ ބިންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.