އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް އެއް ބިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ފާސްކޮށްދީފި
އަމިއްލަ ގޯތީގައި ގެއަޅަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން އެއް ބިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ފާސްކޮށްފައިވާކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު އިޢުލާންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ހައްލެއް ހޯދައިދިނުމާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، މިއީ ގާތްގަނޑަކަށް 850 އަކަށް ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާ ކަމަށެވެ. އަދި ބޭންކުތައް މެދުވެރިކޮށް ފައިނޭންސް ހޯދައިދީ، ސަރުކާރުގެ ސަބްސިޑީއާއެކު ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިނަ ޕްރޮޕޯސަލްތަކެއް މިހާރު ވެސް ލިބިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ތަކުލީފުކަމަށް ވާތީ، ތަފާތު އެކި މޮޑެލްތަކުގެ ތެރެއިން މިކަމަށް ނިމުމެއް ގެނައުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ހިޔާވަހި ސްކީމްގެ ދެވަނަ ފިޔަވައްސެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ވެސް ޑރ. މުއްތަލިބު ހާމަކުރެއްވިއެވެ. ބޭރުގެ މާލީ އިދާރާތަކުން މަޝްރޫޢުތަކަށް ފަންޑު ހޯދުމުގައި ހުރި ގޮންޖެހުންތަކާ ގުޅިގެން، ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ޕްރައިވެޓް ސެކްޓަރާއި ކޮންޓްރެކްޓަރުން ގުޅިގެން ކުރިއަށްގެންދެވޭނެ އީޖާދީ އާ މޮޑެލްތަކެއް ތަޢާރަފުކުރުމަށެވެ.
ދުނިޔޭގެ މަސްރަޙަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދިޔަ ނަމަވެސް، ސަރުކާރުގެ އަމާޒާ އެއްގޮތަށް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.