ވޭވަށު ކައުންސިލް އިންތިޚާބުގެ ނަތީޖާ ބަދަލުކޮށް، ގޮނޑި ޕީއެންސީއަށް
މ. ވޭވަށު ކައުންސިލްގެ އިންތިޚާބުގައި ވާދަކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓަށް ލިބުނު ތިން ވޯޓެއް ބާތިލުކުރުމަށް ހައިކޯޓުން މިއަދު ނިންމި ނިންމުމާ އެކު، އެ އިންތިޚާބުގެ ނަތީޖާ ބަދަލުވެ، ކައުންސިލްގެ އަޣުލަބިއްޔަތު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ)އަށް ކަށަވަރުވެއްޖެއެވެ.
މި އިންތިޚާބު ކުރިން ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަޙްސަން ނަޢީމެވެ. އޭނާއަށް 121 ވޯޓު ލިބުނުއިރު، ޕީއެންސީގެ ފަރާތުން ވާދަކުރި މުޙައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. ނަމަވެސް، މައްސަލަ ޖެހުނު ތިން ވޯޓު ކަރުދާހެއް ބާތިލުކަމަށް ކޯޓުން ކަނޑައެޅުމުން، އަޙްސަންގެ ވޯޓުގެ އަދަދު ވަނީ 118 އަށް ވެއްޓިފައެވެ. މިއާއެކު އިންތިޚާބުގެ ކާމިޔާބީ ނަޒީހަށް ވަނީ ޔަޤީންވެފައެވެ.
ހައިކޯޓަށް ހުށަހެޅުނު އިންތިޚާބީ ޝަކުވާގެ މައްސަލަ ނިންމާފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ވޯޓު ކަރުދާސްތައް ބާތިލުކުރަން ތާއީދުކުރެއްވީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އާއި ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމެވެ. ނަމަވެސް، ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔަކަށްވީ ނަތީޖާއަށް ބަދަލު އަންނަ ފަދަ ސަބަބެއް ނެތް ކަމަށެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ވޯޓު ފޮށި އަލުން ގުނާފައެވެ. އެފަހަރު ދެ ކެންޑިޑޭޓުންގެ ވޯޓުން ވެސް އެއް ވޯޓު އުނިވި ނަމަވެސް، ކާމިޔާބުކުރި ފަރާތަކަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
ކޯޓުގެ މި ނިންމުމާ އެކު، ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ވޭވަށު ކައުންސިލްގެ ކޮންޓްރޯލް ޕީއެންސީއަށް ވަނީ ލިބިފައެވެ. ކައުންސިލްގެ ރައީސްކަން އެމްޑީޕީން ކާމިޔާބުކޮށްފައި އޮތް ނަމަވެސް، އަންހެނުންނަށް ޚާއްޞަ ގޮނޑިއާއި މިއަދު ކަށަވަރުވި އާންމު ގޮނޑިއާ އެކު ޕީއެންސީއަށް ވަނީ މެޖޯރިޓީ ލިބިފައެވެ.