އަލިފާނުގެ ހާދިސާއެއްގައި ހިޔާގެ އެޕާޓްމަންޓެއްގެ ކޮޓަރިއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ
މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ތަނުގެ އެއް ކޮޓަރި އެއްކޮށް އަނދައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ ހިޔާ ޓަވަރު އަށެއްގެ ފަނަރަވަނަ ފަންގިފިލާގެ ދިހަވަނަ އެޕާޓްމަންޓުގައެވެ. މި ހާދިސާގެ ސަބަބުން މުޅި އެޕާޓްމަންޓަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އެއް ކޮޓަރި ވަނީ އަލުން ބޭނުން ނުކުރެވޭ މިންވަރަށް އަނދައިގެން ގޮސްފައެވެ.
މި އެޕާޓްމަންޓުގައި ދިރިއުޅެމުންދިޔަ ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ ޢާއިލާއަށް މިވަގުތު ބޭނުންވާ އެންމެހާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެ އޮތޯރިޓީގެ ފަރާތުން މިހާރު ދަނީ ކުރަމުންކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.