ޚަބަރު

މިއީ ހުރިހާ ވައުދެއް ރަނުންރަނަށް، އަކުރުން އަކުރަށް ތަންފީޒުކުރާނެ ފުރަތަމަ ވެރިކަން: ޝުޖާއު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެމް ނިއުސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ރަނުންރަނަށް، އަކުރުން އަކުރަށް ތަންފީޒުކުރާނެ ފުރަތަމަ ވެރިކަން ކަމުގެ ފުރިހަމަ ޔަޤީންކަން ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާޢު ދެއްވައިފިއެވެ.

Ads by Allied

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، ޤައުމުގެ އިޤުތިޞާދީ ހާލަތު އޮތް ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ޝުޖާޢު ފާހަގަކުރެއްވި ގޮތުގައި، މި ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ މާލީ ނިޒާމު އޮތީ ނުހަނު ނާޒުކު ފައްތަރެއްގައެވެ. އެހެންނަމަވެސް، އެފަދަ ދަތި ހާލަތެއްގައި ވެސް ކެތްތެރިކަމާއި ސާބިތުކަމާ އެކު ދައުލަތް ނަގަހައްޓަވަމުން ގެންދެވުމަކީ ރައީސް ޑރ. މުޢިއްޒު ހޯއްދަވާފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ރައްޔިތުންގެ ލާބައަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ސަރުކާރުން އަޅަމުންދާނީ ފަސްޖެހުމެއް ނެތިކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން، މި ފަސްއަހަރުގެ ތެރޭގައި އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމުގެ އުންމީދު ޝުޖާޢު އާކޮށްދެއްވިއެވެ. މިގޮތުން، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ އިތުރުން، ގުޅީފަޅާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގޮސް، މި ދައުރުގެ ނިޔަލަށް އެކަންކަން ހަޤީޤަތަކަށް ވެގެންދާނެކަން މެންބަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކޮންމެ ނިންމެވުމެއްގެ ވެސް މައިގަނޑު މަޤުޞަދަކީ ދިވެހިންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުންކަން ތަކުރާރުކުރައްވަމުން ޝުޖާޢު ވަނީ، ރާއްޖެއަށް އުމްރާނީ އަދި އިޤުތިޞާދީ ކުރިއެރުން ގެނައުމަށްޓަކައި ގެންނަންޖެހޭ ކޮންމެ ބަދަލެއް ގެނައުމުގައި ސަރުކާރުން ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއީ ރައްޔިތުންނަށް ދައްކާފައިވާ ހުވަފެންތަކުގައި ކުލަޖައްސައިދޭނެކަން އަމަލީގޮތުން ސާބިތުކޮށްދޭނެ ސަރުކާރެއް ކަމަށެވެ.

Ads by Allied Insurance