ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރައިފި
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރައިފިއެވެ.
ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވަނީ މިއަދު މެންދުރު 03:34ކަންކާއިރު ސައުދީ އެއަރލައިނުންނެވެ. އެ ފްލައިޓުގައި 238 ޙައްޖާޖީން ފުރާފައިވެއެވެ.
މިއަދު ފުރި ޙައްޖުވެރިންނާއި ބައްދަލުކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހުޔާ ހަސަން އަލް ގަހުތާނީ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަންނަވާފައެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް ހައްޖުވެރިން އެއާޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައި ވެއެވެ.
މިއަދު ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް ފުރާފައިވާއިރު މި މަހުގެ 17،18 އަދި 19 ވަނަ ދުވަހުވެސް، ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ހައްޖުވެރިން މާލެއިން މައްކާއަށް ފުރަނީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ސައުދީގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު އެވެ.