ޚަބަރު

ޔަހޫދީން އަލްއަޤްޞާ މިސްކިތުގެ ހުރުމަތް ކަނޑާލި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ފަލަސްޠީނުގެ މުސްލިމުންގެ މުޤައްދަސް ބިނާކަމުގައިވާ މަސްޖިދް އަލްއަޤްޞާގެ ހަރަމްފުޅަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ވަދެގަނެ ހިންގި ދަށުދަރަޖައިގެ އަމަލުތައް، ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

Ads by Allied

ޚާރިޖީ ވުޒާރާއިން އާންމުކުރި ރަސްމީ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން، އަޅުކަންކުރުމަށްޓަކައި މިސްކިތަށް ޖަމާވާ އާންމުންނަށް ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޤާނޫނުތަކަށް ފާޅުގައި ގޮންޖެހުމެކެވެ. މީގެ އިތުރުން، މިއީ އެ މާތް ބިމުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު އޮޅުވާލައި، އިސްލާމީ އުންމަތުގެ ހިތްތަކުގައިވާ ގަދަރުވެރިކަން ފުހެލުމަށްޓަކައި ރާވައިގެން ހިންގަމުންދާ ޖަރީމާއެއްކަމަށް ވެސް އެ ވުޒާރާއިން ސިފަކޮށްފައިވެއެވެ.

ޒަމާންތަކެއް ވަންދެން ޢަމަލުކުރަމުން އައި އުޞޫލުތައް މުގުރާލައި، ސަހުޔޫނީން ދެމުންދާ މިފަދަ ހަމަލާތައް ހުއްޓުވުމަށް ދުނިޔޭގެ ޤައުމުތަކުން މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި މި އަނިޔާވެރި އަމަލުތަކުގެ ޒިންމާ އިސްރާއީލުން އުފުލަންޖެހޭނެ ގޮތެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ފަލަސްޠީނުގެ ނިކަމެތިކުރެވިފައިވާ ރައްޔިތުންނާ އެކު ދިވެހިން އަބަދުވެސް ސާބިތުކަންމަތީ ތިބޭނެކަން ތަކުރާރުކޮށް، ދިވެހި ދައުލަތުން ވަނީ އެ ފަރާތްތަކުގެ އަސާސީ ޙައްޤުތައް ހޯދައިދިނުމަށް ވަކާލާތުކޮށްފައެވެ. ހަމައެއާއެކު، އިސްލާމީ މުޤައްދަސް ތަންތަން ޙިމާޔަތްކުރުމަކީ މުޅި ދުނިޔޭގެ ވެސް ވާޖިބެއްކަން ހަނދާންކޮށްދީ، މި މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށް ރާއްޖެއިން ވަނީ ބާރުއަޅާފައެވެ.

Ads by Allied Insurance