ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި
މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅުގައި ޑައިވަނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ނަގައިފި އެވެ.
ފަސް ޑައިވަރުން ޑައިވަނަށް ފޭބިއިރު އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ފެނުނު ނަމަވެސް ދެން ތިބި ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް ހުރި ތަން ހޯދުނީ އިއްޔެ އެވެ. އެއީ ފިންލެންޑްގެ ހާއްސަ ޑައިވަރުންތަކެއް ރާއްޖެ އައިސް ޑައިވްކޮށްގެން ނެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ރިޕޯޓްކޮށްފައިވާ ގޮތުން އޭގެ ތެރެއިން ދެ ޑައިވަރެެއްގެ ހަށިގަނޑު މިއަދު ވަނީ ކަނޑު އަޑިން ނަގައިފަ އެވެ. ދެ މީހުން ވެސް ތިބީ މަރުވެފަ އެވެ.
ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް ފެނިފައި ވަނީ ކަނޑުއަޑީގެ ފުން ހޮހަޅައެއްގެ ތެރޭގައި ތާށިވެފައި ވަނިކޮށެވެ. އެއީ 60 މީޓަރުގެ އަޑީ ތަނެކެވެ.
ގެއްލުނު ޑައިވަރުންގެ ހަޑިގަނޑުތައް ހޯދުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ޑައިވަރެއް ކަމަށްވާ ސާޖަންޓް ފަސްޓްކްލާސް މުޙައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިޔާވެފަ އެވެ.