ބާ ކައުންސިލްގެ ދާއިމީ ދެ ސަބް ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖޭގެ ބާ ކައުންސިލްގެ ދާއިމީ ދެ ސަބްކޮމިޓީ ކަމުގައިވާ ގާނޫނީ ތައުލީމު ކޮމިޓީ އަދި އެތިކްސް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގ ފުރުސަތު ހުޅުވާލައިފިއެވެ.
މި ދެ ސަބް ކޮމިޓީގ މެންބަރުކަމަށް ހުޅުވާލައި އެ ކައުންސިލުން ގެޒެޓުގައި ކޮއްފައިވާ އިއުލާނުގައި ބުނެފައިވަނީ ގާނޫނީ ތައުލީމު ކޮމިޓީ އަށް ބޭނުންވަނީ އެންމެ މެންބަރެއް ކަމަށެވެ. އަދި އެތިކްސް ކޮމިޓީ އަށް ބޭނުންވަނީ 4މެންބަރުން ކަމަށެވެ.
އެ ކައުންސިލުން ކުރި އިއުލާނުގައި ވާ ގޮތުން އެ މަގާމުތަކަށް އެކަށީގެންވާ ގާބިލު މީހުން ލިބުމާ ހަމައަށް އިއުލާނުގައިވާ މަގާމަށް ކުރިމަތިލެވޭނެއެވެ. އީމެއިލް އަދި ގޫގުލް ފޯމް މެދުވެރިކޮށް ވެސް ކުރިމަތިލެވޭނެއެވެ. ކުރިމަތިލުމަށް ހުށަހަޅަންޖެހޭ ލިޔުންތަކަކީ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ (ކުރިމަތިލާ ކޮމިޓީ ވަކިން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެ)މަގާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު، ގާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ، މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ދޫކުރާ ކުށާއި ދަރަނީގެ ރިކޯޑު ވެސް ހުށަހަޅަން ޖެހޭނެއެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި މި ތަކެތި ޕީޑީއެފް ނޫން އެހެން ހުރިހާ ފޯމެޓެއްގައި ހުށަހެޅޭނެއެވެ.
ކުރިމަތިލުމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުމާއި މަދުވެގެން ގާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ 5އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. އަދި ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.
ގާނޫނީ ތައުލީމު ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ:
-
ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ޤާނޫނީ ތަޢުލީމު ކުރިއެރުވުމުގެ ގޮތުންނާއި، އެ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން.
-
ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކުގެ މުޤައްރަރާއި، ކޯހުގެ މުއްދަތާއި، އެ ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތަކާ ބެހޭގޮތުން ހަދަންޖެހޭ ގަވާއިދު އެކުލަވައިލުމަށްޓަކައި، އެ ކަމާގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން.
-
ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކުގެ ކިޔަވައިދިނުން ބަލައި، އިޞްލާޙު ގެންނަންޖެހޭ ކަންކަމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން.
-
ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޤާނޫނު ކިޔަވައިދޭ ކޯސްތަކާއި ޕްރޮގްރާމްތަކުގެ އިމްތިޙާނުތަކުގެ އެސެސްމަންޓް ހަދައި، އިމްތިޙާނުތަކުގެ ފެންވަރު ހަރުދަނާ ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން.
-
ބާ ކައުންސިލުން ޤަބޫލުކުރާނެ މަތީ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތައް ކަނޑައެޅުމާ ގުޅޭ ގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާ ދިނުން.
-
ޤާނޫނީ ތަޢުލީމު ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
އެތިކްސް ކޮމިޓީގެ މަސްއޫލިއްޔަތުތަކަކީ:
- ޤާނޫނީ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ސުލޫކީ މިންގަނޑު ބަޔާންކުރާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް އެކަށައެޅުމަށްޓަކައި އެކަމުގެ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން.
- ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުން.
- ޤާނޫނީ ވަކީލުންގެ ޚިދުމަތް ދިނުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ މައްސަލަތައް ބަލައި، އެ ފަރާތްތަކާމެދު އަޅަންވީ ފިޔަވަޅުތަކާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން.
- އެތިކްސް ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
ބާ ކައުންސިލްގެ ދާއިމީ ފަސް ސަަބްކޮމިޓީއެއް އޮވެ އެވެ. އެއީ ލައިސެންސިން ކޮމިޓީ، އެތިކްސް ކޮމިޓީ، ލީގަލް އެޑިޔުކޭޝަން ކޮމިޓީ، ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީ އަދި އެޕީލްސް ކޮމިޓީއެވެ.