ޚަބަރު

އައްޑޫ ސިޓީގައި މިފްކޯގެ ފިހާރައެއް ހުޅުވަން ތައްޔާރުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދިވަޑައިގެންނެވި ގޮތުގެ މަތިން، އެ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިފްކޯގެ ފިހާރައެއް ހުޅުވުމަށް ސަރުކާރުން ނިންމައިފިއެވެ.

Ads by Allied

މިކަން ހާމަކުރެއްވީ، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙުމަދު ސައީދު (ސޮޑާ)ގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ވެސް ހުޅުމީދޫ އައިސްޕްލާންޓް މެދުވެރިކޮށް މިފްކޯގެ ބައެއް ބާވަތްތައް ލިބެން ހުރި ނަމަވެސް، އަލަށް ހުޅުވޭ ފިހާރައާ އެކު އެ ކުންފުނީގެ ހުރިހާ އުފެއްދުންތަކެއް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ފަސޭހަކަމާ އެކު ލިބިގެންދާނެއެވެ.

މީގެ އިތުރުން، އައްޑޫގެ މަސްވެރިންނަށް ތެޔޮ ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން، ގަމުން ތެޔޮ ވިއްކާ ގަޑި މިހާރު ރޭގަނޑު 10:00އާ ހަމައަށް އިތުރުކޮށްފައިވާކަން ޝިޔާމް ހާމަކުރެއްވިއެވެ. ކުރިން މި ހިދުމަތް ހަވީރު 4:00ގައި މެދުކަނޑާލައެވެ. އަދި ހިތަދޫ އައިސްޕްލާންޓް ކައިރިން ސިޓީ ކައުންސިލުން ބިމެއް ހަމަޖައްސައިދީފިނަމަ، އެސްޓީއޯގެ ފިއުލް ޝެޑެއް އެ ސަރަހައްދުގައި ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް، 2026ވަނަ އަހަރުގެ މެއި މަހުގެ 20ވަނަ ދުވަހުން ފެށިގެން ދެ އަހަރަށް ކަނޑާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ ކުރީގެ ސަރުކާރުގެ މަސައްކަތެއްކަމަށް އެމްޑީޕީން ބުނަމުންދާ ދިއުމަށް ވެސް ވަޒީރު ވަނީ މި ޖަލްސާގައި ރައްދު ދެއްވާފައެވެ. ޝިޔާމް ވިދާޅުވީ، އެކަމުގައި އެމްޑީޕީން އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، އެއީ ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދުފުޅަކާ އެއްގޮތަށް، އެމަނިކުފާނު އިނގިރޭސި ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުގެ ސީދާ ނަތީޖާ ކަމަށެވެ.

Ads by Allied Insurance