އިސްލާމީ އުންމަތަށާއި ދިވެހި ޙައްޖާޖީންނަށް ފަސްޓް ލޭޑީ ޙައްޖު ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވައިފި
މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މުޅި އިސްލާމީ އުންމަތަށާއި ޚާއްޞަކޮށް މާތްވެގެންވާ މައްކާގައި ތިބި ދިވެހި ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެން ތަހުނިޔާ ފޮނުއްވައިފިއެވެ.
މީސްމީޑިއާ މަންސަ "އެކްސް" ގައި އެކަމަނާ ޙިއްޞާކުރެއްވި ޚާއްޞަ މެސެޖެއްގައި، މި މަތިވެރި ދުވަހުގެ ދަރުމަޔާއި ސަވާބު އަދި ރަޙުމަތް އެންމެ ފުރިހަމަ ގޮތުގައި މިންވަރުކުރެއްވުން އެދިވަޑައިގެން ދިވެހި ކޮންމެ ފަރުދަކަށާއި މުޅި މުސްލިމް އުންމަތަށް ހެޔޮ ދުޢާ އަރިސްކުރައްވާފައިވެއެވެ.
ދުނިޔެމައްޗަށް އިރުއަރާ އެންމެ މާތް ދުވަހުގެ ގޮތުގައި އިސްލާމީ ތާރީޚުގައި ސިފަކުރެވޭ ޙައްޖު ދުވަހަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަޑައިގެން ތިއްބެވި އެތައް ލައްކަ މުސްލިމުންނެއް ޢަރަފާތު ބިމަށް އެއްވެ، މެންދުުރާއި ޢަޞްރު ނަމާދު ޖަމާކޮށް، އިރުއޮއްސެންދެން މާތް ﷲ އަށް ކުއްތަންވުމާއި ޤުރުއާން ކިޔެވުމާއި ދުޢާކުރުމުގައި ވަގުތު ހޭދަކުރާ މުޤައްދަސް ދުވަހެކެވެ.
މީގެ އިތުރުން، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނަސީބު ލިބިފައިނުވާ ފަރާތްތަކަށް ސުންނަތްވެގެންވާ ޢަރަފާތް ދުވަހުގެ ރޯދައަކީ، އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވާނެ އަމަލެއްކަމަށް ކީރިތި ރަސޫލާ (ޞޢވ) ގެ ޙަދީޘްފުޅުތަކުން ސާބިތުވާކަން ދީނީ ޢިލްމުވެރިން ފާހަގަކުރައްވައެވެ.