ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ އެންމެން އަރަފާތު ބިމަށް ޖަމާވެއްޖެ
ދިވެހިރާއްޖެއިން މިއަހަރު މައްކާއަށް ދިޔަ ހުރިހާ ހައްޖުވެރިން، މިއަދު އަރަފާތު ބިމަށް ޖަމާވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ފަތިހު މައުލޫމާތު ދެއްވި ގޮތުގައި، ފުރަތަމަ މަރުހަލާގައި އެއް ހައްޖުވެރިއަކު ނުގެންދެވުނީ އެ މީހާގެ ބަލި ހާލަތު ހުރި ގޮތުން މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އޮތުމުންނެވެ. ނަމަވެސް، ދިވެހި ހައްޖު މިޝަނުން މިއަދު މައުލޫމާތު ދިންގޮތުގައި މިއަދު ހެނދުނު 11:00 ހާއިރު ވަނީ، އެ މީހާއާ އެކު ހުރިހާ ދިވެހިން މިހާރު އަރަފާތުގައި ތިބިކަން ކަށަވަރުކޮށްދީފައެވެ.
މިނާގައި ވެސް ހައްޖުވެރިންނަށް ފޯރުކޮށްދިން ފަދަ ފުރިހަމަ ޚިދުމަތްތަކަކާއި އިންތިޒާމުތަކެއް އަރަފާތުގައި ވެސް ހައްޖު މިޝަނުން ވަނީ ގާއިމުކޮށްފައެވެ. އަރަފާތު ދުވަހު އެ ބިމުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު އެއް ރުކުނެވެ.
މިއަދު މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް އަދި ގަސްރުކޮށް ކުރުމަށް ފަހު، އިރުއޮއްސެންދެން ހުރިހާ ހައްޖުވެރިން ވެސް ވަގުތު ހޭދަކުރާނީ ﷲ ތައާލާއަށް ޒިކުރުކުރުމާއި، ފާފަފުއްސެވުމަށް އެދި ދުއާ ދެންނެވުމުގައެވެ. އަދި އަމިއްލަ ނަފުސަށާއި، އާއިލާއަށާއި، މުޅި އިސްލާމީ އުންމަތަށް ހެޔޮ ގޮތް މިންވަރުކޮށްދެއްވުން އެދި ދުއާކުރުމުގައި ތިބުމަށްފަހު، އިރުއޮއްސުމާ އެކު ދެން ދަތުރުފަށާނީ މުޒްދަލިފާއަށް ދިއުމަށެވެ.