ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރަށް
ބަނގުރަލުގެ ވަގު ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އެމްޑީ ފަޒްލީ ރަބީ (25އ)އާއި، އެމްޑީ ޝަހަޖަން ސަވަލް (36އ)އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 24ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ސަފާރީއެއް ބަލައިފާސްކޮށްފައި ކަމަށް ވެސް ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި އެ ސަފާރީ ބަލައިފާސްކުރިއިރު 207ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އެ ތަކެތީގެ ބަރުދަނުގައި 4.43ގުރާމް ހިމެނޭ ކަމަށާއި އޭގެ އިތުރުން ފައިސާ އާއި ޔޫއެސް ޑޮލަރުވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި މި ދެ މީހުންގެ ބަންދައްވެސް 15ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ވެސް ބުނެފައިވެއެވެ.