މަރުވި އިޓަލީގެ ޑައިވަރުންގެ އޮޓޮޕްސީ ނިންމައިފި: މަރުގެ ސަބަބަކީ ނޭވާހާސްވުން ކަމަށް ލަފާކުރެވޭ
ވ. އަތޮޅު އަލިމަތާ ކޭވް ސަރަހައްދަށް ފީނަން ގޮސް އުޅެނިކޮށް ހިތާމަވެރި ގޮތަކަށް މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ހަށިގަނޑުގެ އޮޓޮޕްސީ ތަހުލީލުތައް އެ ގައުމުގައި ނިންމާލައިފައިވާއިރު، އެ ފަރާތްތަކުގެ ފުރާނަ ގެއްލިފައިވަނީ ނޭވާހާސްވެގެންކަމަށް މެޑިކަލް އެކްސްޕާޓުން ލަފާކޮށްފިއެވެ.
އިޓަލީގެ ކަމާގުޅޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވާރެސޭގައި ހުންނަ ހޮސްޕިޓަލެއްގައި ކުރިއަށްގެންދިޔަ މި ތަހުލީލުތަކުން މިހާތަނަށް އާދަޔާ ހިލާފު އެއްވެސް ކަމެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މަރުގެ އަސްލު ސަބަބު ކަށަވަރުކުރެވޭނީ ހަށިގަނޑުގައި ވިހަ މާއްދާއެއް އެކުލެވިފައިވޭތޯ ބެލުމަށް ހަދާ ޓޮކްސިކޮލޮޖީ ޓެސްޓުތަކުގެ ނަތީޖާއަށް ފަހުގައެވެ. ޕަވިއާ ޔުނިވާސިޓީގެ ފޮރެންސިކް ތަޖުރިބާކާރު ލޫކާ ތަޖާނާގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ފުރިހަމަ ފޮރެންސިކް ރިޕޯޓެއް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނެރެވޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މި ހާދިސާގައި ނިޔާވި ޖިއަންލޫކާ ބެނެޑެޓީ އާއި ފެޑެރިކޯ ގުއަލްޓިއޭރީގެ އޮޓޯޕްސީ ހޯމަ ދުވަހު ނިންމާފައިވާއިރު، މޮނިކާ މޮންޓެފަލްކޯން، ޖިއޯޖިއާ ސޮމަކަލް އަދި މިއުރިއަލް އޮޑެނީނޯގެ ތަހުލީލުތައް ފުރިހަމަކޮށްފައިވަނީ އޭގެ އަނެއް ދުވަހުއެވެ. މި މައްސަލަ ރާއްޖެއާއި އިޓަލީގެ ސަރުކާރު ގުޅިގެން ތަހުގީގުކުރަމުން އަންނައިރު، ހާދިސާ ހިނގި ވަގުތު ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކަށް ރެކޯޑުކުރެވިފައިވާ މަންޒަރުތައް ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ ވަރަށް ގާތުން ދިރާސާކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން މަރުވި މީހުންގެ އާއިލާތަކާއި ޖެނޯއާ ޔުނިވާސިޓީއާ ދެމެދު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ޔުނިވާސިޓީން ބުނަމުންދަނީ އެއީ މުއައްސަސާގެ ރަސްމީ ދިރާސާ ދަތުރެއް ނޫން ކަމަށާއި އެއީ ޑައިވަރުންގެ އަމިއްލަ ދަތުރެއް ކަމަށެވެ. އެހެންނަމަވެސް އާއިލާތަކުގެ ގާނޫނީ ވަކީލުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.
މީގެ އިތުރުން، މި ހާދިސާގައި މަރުވި ޕްރޮފެސަރު މޮންޓެފަލްކޯންގެ މައުލޫމާތުތައް ޔުނިވާސިޓީގެ ރަސްމީ ވެބްސައިޓުން ކުއްލި ގޮތަކަށް ފޮހެލުމުން އާއިލާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިކަމަށް ރައްދުދެމުން ޔުނިވާސިޓީން ބުނެފައިވަނީ، އެއީ މީހަކު މަރުވުމުން ސިސްޓަމްގެ ތެރެއިން އޮޓޮމެޓިކުން ހިނގާ އިދާރީ މަރުހަލާއެއް ކަމަށާއި، އެއީ ގަސްތުގައި މައުލޫމާތު ސިއްރުކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށެވެ. މި ހާދިސާގެ ތަހުގީގީ މަރުހަލާ އަދިވެސް ދަނީ ކުރިއަށެވެ.