ޚަބަރު

ހަފުތާއެއްގެ ތެރޭގައި އާންމުންގެ އަތުން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހަފުތާއެއްގެ ތެރޭގައި އާންމުންގެ އަތުން ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފިއެވެ.

Ads by Allied

އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނިމިދިޔަ ހަފުތާގެ ތެރޭގައި ޖުމްލަ 29 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އޮޅުވާލައިގެން މީހުންގެ އަތުން ބައިމިލިއަނަށްވުރެ ގިނަ ރުފިޔާ އަތުލާފައިވީ ނަމަވެސް، ފުލުހުންނާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން 255،710.99 ރުފިޔާ ވަނީ އަނބުރާ ހޯދައި، ވެރިފަރާތްތަކާ ހަވާލުކުރެވިފައެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ޝިކާރައަކަށްވެފައިވަނީ އިންޓަނެޓް މެދުވެރިކޮށް ކުރާ ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅޭ ސްކޭމްތަކަށެވެ. އެގޮތުން، 15 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، މިފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި މުދާ ވިއްކާ ފަރާތުގެ މައުލޫމާތާއި ފިހާރަ ހުންނަ ތަން ކަށަވަރުކުރުމަށްފަހު ނޫނީ ފައިސާ ނުދިނުމަށާއި، މުދާ ލިބުމުން ފައިސާ ދައްކާ ނިޒާމު "ކޭޝް އޮން ޑެލިވަަރީ" ޚިޔާރުކުރުމަށް އިދާރާތަކުން އިރުޝާދުދެއެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭރު ފައިސާ ނުވަތަ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ޖަރީމާތަކެވެ. މިފަދަ ހަ މައްސަލައެއް ރެކޯޑުކުރެވިފައިވާއިރު، ޑޮލަރު ގަންނަންވާނީ އެކަމުގެ ހުއްދަ އޮންނަ ފަރާތްތަކުންކަން ކަށަވަރުކުރުމަށާއި، ވައިބަރ ނުވަތަ ވަޓްސްއެޕް ފަދަ މީސްމީޑިއާ އެޕްލިކޭޝަންތައް މެދުވެރިކޮށް މުއާމަލާތްކުރާއިރު އެއީ ރަނގަޅު މީހެއްތޯ ގުޅައިގެން ޔަގީންކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފައެވެ. މީގެ އިތުރުން އެހެން މީހަކަށް ހެދިގެން ފައިސާ ހޯދަން އުޅުނު ދެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

މަކަރާއި ހީލަތުން ފައިސާ ފޭރޭ ފަރާތްތަކުގެ އުކުޅުތައް ދުވަހެއް ދުވަހަކަށް ތަރައްގީވަމުން އަންނައިރު، ނޭނގޭ ނަންބަރުތަކުން ފޮނުވާ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަކީ އަމިއްލަ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރިން ފައިސާ ފޮނުވެނީ ސައްހަ ފަރާތަކަށްތޯ ޔަގީންކުރުމަކީ މިފަދަ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅުކަމުގައި އެ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.

Ads by Allied Insurance