ކިލޯއަކަށް ވުރެ ގިނަ ޑުރަގު އެތެރެކުރި އިންޑިއާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ކިލޯއަކަށް ވުރެ ގިނަ ޑުރަގު އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އިންޑިއާއަށް ނިސްބަތްވާ ޖައިނަބު ވާޖިދު އަލީ (25އ)އަދި މުހައްމަދު ނަވާޒް ދަޔަތަރު، (21އ)ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ ކުރީކޮޅު ކަސްޓަމްސްއިން އެ ދެ މީހުން މަސްތުވާތަކެއްޗާއެކު ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުންނެވެ.
އެ މައްސަލައާ ގުޅިގެން ހަތަރު ފަހަރެއްގެ މަތިން ވަނީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުުރުވެސްކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން ނަވާޒް ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ. އަދި ޖައިނަބު 30ދުވަހަށް ބަންދުކުރަން ވެސް ވަނީ އަމުރުކޮށްފައެވެ.
ނަވާޒް އެކަނި ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ސަބަބު ބުނެފައެއް ނުވެއެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ޑުރަގު ފެނިގެން ކޮންޓްރޯލް ޑެލިވަރީ ޖައްސަންވެސް ފުލުހުން މަސައްކަތް ކުރިއެވެ. ނަމަވެސް ނަވާޒް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ތަކުރާރުކޮށް ފުލުހުންގެ
އިންސްޓަރަކްޝަންތަކާ ޚިލާފުވެ އެއްބާރުލުން ދީފައިނުވާކަމަށް ވެސް ބުނެފައިވެއެވެ.
ފަހަކަށް އައިސް މަސްތުވާތަކެތި އެތެރެކޮށްގެން ހައްޔަރުކުރާ އިންޑިއާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.