ބޮޑު ޢީދުގެ އުފަލުގައި މިރޭ ވިލިމާލެ ކައިރިން ހަވާ އަރުވަނީ
މިއަހަރުގެ އަޟްޙާ ޢީދުގެ އުފާވެރިކަން ފާހަގަކުރުމުގެ ގޮތުން، ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން މިރޭ ވިލިމާލެއާ އިންވެގެންވާ ކަނޑުގެ ސަރަޙައްދުގައި ހަވާ އެރުވުމުގެ ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގާތްގަނޑަކަށް ފަސް މިނެޓުގެ ވަގުތަކަށް ކުރިއަށްދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައެވެ.
މިއަހަރުގެ ބޮޑު ޢީދު މުޅި ރާއްޖޭގައި ވެސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުންދާއިރު، ވެރިރަށް މާލޭގައި ވެސް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން، ސަރުކާރުގެ ކުންފުނިތަކާއި ސަލާމަތީ ބާރުތައް ގުޅިގެން މާލޭގެ ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު ސަރަޙައްދުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން، ޢީދު ބަންދުގެ ތިން ދުވަހު ވަނީ ކުލަގަދަ އާއިލީ ހަވީރުތަކެއް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސެންޓްރަލް ޕާކުގެ އިތުރުން ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޕާކުގައި ވެސް މިފަދަ އުފާވެރި ކުޅިވަރު ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. މި ހަރަކާތްތައް އިންތިޒާމުކުރުމުގައި އެމްއެންޑީއެފް އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން، ވެމްކޯ، އެޗްޑީސީ، ސްޓެލްކޯ، ޕީއެސްއެމް ފަދަ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ވަނީ ޢަމަލީގޮތުން ބައިވެރިވެފައެވެ.