ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ނާޒިމް، މަޖިލީހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށް އެ ގްރޫޕުގެ 74 މެންބަރުން ސޮއިކުރައްވައި އެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.
ނާޒިމް މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ، މަޖިލީހުގެ މެންބަރުންގެ މެދު މަސަލަސްކަމާއި ބަދަހިކަން ނަގާލުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތުކުރި ނަމަވެސް އެފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ.
އެ ތުހުމަތުތަކަށް އިންކާރު ކުރައްވަމުން ވެސް މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވަނީ، އެ މަގާމަކަށް އިންތިހާބުކުރި އެންމެން އޭނާ ވަކިކުރަން ސޮއިކުރުމުން އެ ކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ތަހުޒީބީ ގޮތެއް ކަމުގައި ދެކޭތީ ކަމަށް އެ ބަޔާނުގައި ވެއެވެ.
"ވުމާއެކު އަޅުގަނޑާ މެދު ކުރައްވާފައިވާ އެންމެހާ ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއް ނެތި އިންކާރު ކުރަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން މި ވަގުތުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ނާޒިމްގެ ބަޔާނުގައި ވެއެވެ.