ގައުމެއްގެ އަމިއްލަވަންތަކަން ދެމިއޮންނާނީ އެ ބައެއްގެ މާޒީ އެނގިގެން: މިނިސްޓަރު ހީނާ
ގައުމެއްގެ އަމިއްލަވަންތަކަން ދެމިއޮންނާނީ އެ ބައެއްގެ މާޒީ އެނގިގެންކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ހީނާ އެފަދައިން ވިދާޅުވީ ދިވެހިބަހުގެ އެކަޑަމީއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދެވި ދިވެސްއަކުރު ދަސްކޮށްދިނުމުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު ވިދާޅުވީ ދިވެސް އަކުރު ދަސްކޮށްދިނުމުގެ ކޯހަކީ ހަމައެކަނި ކޯހެއް ނޫން ކަމަށާއި ގަރުނުތަކެއްގެ ފަހަތަށް އަޅުގަނޑުމެންގެ ކާބަފައިންގެ އަޑާއި، ވިސްނުމާއި، ދިވެހިވަންތަކަމުގެ އަސްލާ ހަމައަށް ދަތުރުކުރުމަށް ހުޅުވައި ދެވޭ ދޮރާއްޓެއް ކަމަށެވެ.
"ކުރިއަރަމުންދާ މި ޒަމާނުގައި ރާއްޖޭގެ ތަރިކަ ދިރުވައި އަންނަން އޮތް ޖީލުތަކަށް އެ މައުލޫމަތު ސައްހަކަމާ އެކު ފޯރުކޮށްދިނުމަށް މިއަދު ތިޔަ ކުދީންނަށް މި ހުޅުވުނީ ފަހި ފުރުސަތެއް"މިނިސްޓަރު ވިދާޅުވިއެވެ.
ޖުމްލަ 26ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވާ އިރު, މި ކޯހުގައި ކިޔަވައި ދެއްވީ އަލްގާރީ އަހުމަދު ރަޝީދު އަބްދުލް ގާދިރާއި، ހަދީޖާ ހަސަން މަނިކުއެވެ.
ދިވެސް އަކުރު ކޯހުގެ މި ބުރު މި މަހު ބޭއްވިފައި މިވަނީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހުއެވެ. މިއީ ރާއްޖޭގެ އަކުރުގެ ތާރީހު ދިރުވައި އާލާކުރުމާއި ދިވެސްއަކުރު ލިޔަންކިޔަން ދަންނަ މީހުން އުފެއްދުމާއި ތާރީހު ދިރާސާކުރާ ބަޔަކަށް ތާރީހީ މައުލޫމާތު އޭގެ އަސްލު ލިޔެކިޔުންތަކުން ހޯދުމަށް ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި އެކެޑަމީއިން ރާވައި އިންތިޒާމް ކުރާ ކޯހެކެވެ.