ޚަބަރު

ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން--

ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ،

Ads by Allied

މިއަދު ހެނދުނު އެމްޕީއެލްގައި ބޭޢްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. އެމްޓީސީސީގެ ފަރާތުން  ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.

އެމްޓިސީސީއާ ހަވާލުކުރީ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމަށެވެ.

އޭގެ އިތުރުން 6،775 އަކަ މީޓަރުގެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް ވެސް ހަވާލުކުރި އެވެ. އެ  މަސައްކަތްތައް ހަވާލުކުރީ 120 ދުވަސް ތެރޭ ފުރިހަމަކުރާ ގޮތަށެވެ.

މި މަޝްރޫޢުގައި ހިމެނޭ ކްލިއަރަންސް ސަރަހައްދުގެ ކީވޯލް ތަރައްގީކުރުމުގެ އަގަކީ 18.8 މިލިއަން ރުފިޔާއެވެ. އަދި، ކީވޯލާއި، ސަރަހައްދު ޕޭވްކުރުމާއި އެކަމާ ގުޅުންހުރި ހުރިހާ މަސައްކަތާއެކު، މި މަޝްރޫއު ފުރިހަމަކުރުމަށް 154 މިލިއަން ރުފިޔާ ހޭދާވާނެއެވެ.

މިއީ ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މި ވަގުތު ތަރައްގީކުރާ ސަރަހައްދެކެވެ. އެހެން ނަމަވެސް، ތިލަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމްޕީއެލްގެ އުޅަނދުތަކަށް ހާއްސަ ކުރެވޭ "ސާވިސް ކީ" އެއްގެ ގޮތުގައެވެ.

ކްލިއަރަންސް އޮޕަރޭޝަންސްތަކަށް އެ ސަރަހައްދު ބޭނުންކުރެވެން ފެށުމުން، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓާމިނަލުން ކަނޑުމަގުން މުދާ ކްލިއާކުރުމުގެ އޮޕަރޭޝަންސްގެ ބޮޑު ބައެއް މި ސަރަހައްދަށް ބަދަލުކުރެވޭނެއެވެ. މިއީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި މިހާރު ފޯރުކޮށްދެމުންދާ ކްލިއަރަންސްގެ ހިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުއިކަމެކެވެ.

Ads by Allied Insurance