އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައިގައި ބައްސާމަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ޚާއްސަ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ވަންނަންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކުރުމަށްފަހު، އޭގެ ތެރެއިން 29،000 އެމެރިކާ ޑޮލަރު ވަނީ ބައްސާމްގެ އަމިއްލަ ބޭންކް އެކައުންޓަކަށް ޓްރާންސްފަރކޮށްފައެވެ. މި މުއާމަލާތް ހިންގާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިވެގެންކަމަށާއި، އެ ފައިސާ ބައްސާމް އޭނާގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ތަހުގީގަށް ވަނީ ކަށަވަރުކުރެވިފައެވެ.
މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ނަމުގައި ރަށްތައް ވިއްކުމުގެ މުއާމަލާތްތަކުގައި ބައްސާމް އަމަލީގޮތުން ބައިވެރިވެ، ބައެއް އެއްބަސްވުންތަކުގައި އެ ކޯޕަރޭޝަންގެ ފަރާތުން ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއިކޮށްފައިވާކަން ވެސް އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަވެފައެވެ. އެހެންކަމުން، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައި ވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާއާ ހަވާލާދީއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވިކަން ޝަރީއަތަށް ސާބިތުވެ، ބައްސާމް މިހާރު ވެސް ގެންދަނީ ޖަލު އަދަބެއް ތަންފީޒުކުރަމުންނެވެ.