ޚަބަރު

ޖޭއެސްސީގެ ނައިބު ރައީސްކަމަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އަލްއުސްތާޛު ޙުސައިން ޝަހީދު / ފޮޓޯ: ޖޭއެސްސީ

ހުސްވެފައިވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވަމުން ގެންދަވާ އަލްއުސްތާޛު ޙުސައިން ޝަހީދު މިއަދު އައްޔަންކުރައްވައިފިއެވެ.

މީސްމީޑިއާ މަންސަ 'އެކްސް' ގައި ޖޭއެސްސީން މިއަދު އާންމުކުރި ޕޯސްޓެއްގައި ވަނީ، އާ ނައިބު ރައީސަށް މަރުޙަބާ ދަންނަވައިފައެވެ. މި މަގާމު ހުސްވީ، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ހައިސިއްޔަތުން އެ ކޮމިޝަނުގައި އިންނެވި ޔަޒްމީދު މުޙައްމަދު، ފާއިތުވި މަހުގެ ތެރޭގައި އެއްވެސް ސަބަބެއް ބަޔާންކުރެއްވުމަކާ ނުލައި އިސްތިއުފާ ދެއްވުމުންނެވެ. އޭނާގެ ބަދަލުގައި މިހާރު ރައީސްގެ ފަރާތްޕުޅުން އިންނަވަނީ ޢަލީ ނަޞީރު ޤާސިމެވެ.

ފަނޑިޔާރު ޝަހީދަކީ ޝަރުޢީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް އޭނާ ވަނީ ކުރައްވައިފައެވެ. ސުޕްރީމް ކޯޓުގެ ބެންޗަށް އޭނާ އައްޔަންކުރެވުނީ، އޭރު އެ ކޯޓުގައި އިންނެވި ފަނޑިޔާރު ޙުސްނުއްސުއޫދު އިސްތިއުފާދެއްވުމާ ގުޅިގެން، ނިމިދިޔަ އަހަރުގެ މާރިޗު މަހުގެ 19ވަނަ ދުވަހުއެވެ. އޭގެ ފަހުން، ހަމަ އެ އަހަރުގެ އޭޕްރީލް 7ގައި ޖޭއެސްސީގެ މެންބަރުކަމަށް ވެސް އޭނާ އައްޔަންކުރެވުނެވެ.

ފަނޑިޔާރުން އައްޔަންކުރުމާއި، ސުލޫކީ މައްސަލަތައް ބެލުމުގެ އިތުރުން ޝަރުޢީ ނިޒާމު ހަރުދަނާކުރުމުގެ މުހިންމު ޒިންމާތަކެއް މަތިކޮށްފައިވާ ޖޭއެސްސީ އެކުލެވިގެން ވަނީ ޖުމްލަ 10 މެންބަރުންގެ މައްޗަށެވެ. މީގެ ތެރޭގައި ތަފާތު ދާއިރާތަކާއި މުއައްސަސާތައް ތަމްސީލުކުރައްވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި ކޮމިޝަން އެކުލެވިފައިވާ ގޮތުން ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ، ކޮމިޝަނުގެ އޮނިގަނޑު އިސްލާޙުކުރުމަކީ ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ވެސް ރިޔާސީ ވަޢުދެކެވެ. އެހެންނަމަވެސް، މިހާތަނަށް އައިއިރު އެއްވެސް ވެރިކަމެއްގައި މި ބަދަލު ގެނެވިފައެއް ނުވެއެވެ.

Ads by Allied Insurance