އައްޑޫ ކައުންސިލްގެ ބޮޑު ގޯހެއް: އިއުލާނު ކުރުމަކާ ނުލައި 166،340 އަކަފޫޓުގެ ބިން ސިއްރުން ބަޔަކަށް ދީފި
އާންމުކޮށް އިއުލާނު ކުރުމެއް ނެތި 166،340 އަކަފޫޓުގެ ބިން އިތުރުކޮށް، ވަކި ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާކަން 2021 އަދި 2022ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ފަޅާއަރައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ކައުންސިލުން ވަނީ ސިއްރުވެރި ގޮތަކަށް އަށް ބިމެއްގެ ހެޑްލީޒް ބަދަލުކޮށްފައެވެ. މިގޮތަށް އެއްބަސްވުންތައް އައު ކުރިއިރު، އެ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ 439،297 ރުފިޔާގެ ކުލި ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އައު އެއްބަސްވުންތަކުގައި މި ދަރަނީގެ ވާހަކަ އެއްގޮތަކަށް ވެސް ހިމަނާފައިނުވާކަން އޮޑިޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
ތަފްސީލުތަކަށް ބަލާއިރު، ފޭދޫއިން ފަތުރުވެރިކަމަށް ދޫކުރި 29،000 އަކަފޫޓުގެ ފަސް ބިމަކަށް، އިތުރު 139،945 އަކަފޫޓު ވަނީ ގުޅުވާލާފައެވެ. މީގެ ސަބަބުން އެ ބިންތަކުގެ ޖުމްލަ ބޮޑުމިން 163،945 އަކަފޫޓަށް ވަނީ އިތުރުވެފައެވެ. ހަމައެހެންމެ، މީދޫއިން ދޫކޮށްފައިވާ 17،000 އަކަފޫޓުގެ ތިން ބިމަކަށް 27،595 އަކަފޫޓު އިތުރުކޮށްދީފައިވެއެވެ. މީދޫގެ ބިންތަކުން 194،816 ރުފިޔާ ނުލިބި އޮތްއިރު، ފޭދޫގެ ބިންތަކުން ކައުންސިލަށް ލިބެންޖެހޭ 244،481 ރުފިޔާ ނުލިބި އޮތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ހިތަދޫ ޓޫރިޒަމް ޒޯނުން 3،000 އަކަފޫޓުގެ ދެ ބިމެއް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ބިމަށް 2،000 އަކަފޫޓު އަދި އަނެއް ބިމަށް 1،800 އަކަފޫޓު ވަނީ އިތުރުކޮށްދީފައެވެ. އޮޑިޓް އޮފީހުން ސިފަކުރާ ގޮތުގައި، އަސްލު 52،000 އަކަފޫޓުގެ ބިމަށް އިތުރު 166،340 އަކަފޫޓު އިއުލާނު ކުރުމަކާ ނުލައި ދިނުމަކީ، މިފަދަ ވިޔަފާރިތަކަށް ޝައުގުވެރިވާ އެހެން އާންމު ފަރާތްތަކުގެ ހައްގު ގެއްލި، ތަފާތުކުރުން ބޮޑުވެ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ގޮތުގައި ހިންގާފައިވާ އަމަލެކެވެ.
ބޮޑެތި މާލީ އަދި އިދާރީ މައްސަލަތަކެއް ފެންމަތިވެފައިވާ އައްޑޫ ސިޓީ ކައުންސިލަކީ، ފާއިތުވި ދައުރުގައްޔާއި އަދި ހިނގަމުންމިދާ ދައުރުގައި ވެސް އިދިކޮޅު އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ، އަދި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މޭޔަރަކު އިސްކޮށް ހުންނަވާ ކައުންސިލެކެވެ.