ޗެއާޕާސަންގެ މަގާމަށް ވާދަ ނުކުރައްވައި މީކާއިލްއަށް ތާއިދުކުރަން ވާޑު ނިންމައިފި
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ބާއްވާ އިންތިހާބުގައި އެ މަގާމަށް ވާދަކުރައްވާނެކަން ކުރިން އިއުލާންކުރެއްވި އިބްރާހީމް މުހައްމަދު (ވާޑު) ވާދަ ނުކުރަން ނިންމައިފިއެެވެ.
މި މަހުގެ 12ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާގަށް ވާދަކުރައްވަން ވާޑުއާ އެކު ހުށަހަޅުއްވާފައި އޮތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
ނަމަވެސް މިއަދު މީކައިލް ވަނީ، ވާޑު އެ މަގާމަށް ވާދަނުކުރަން ނިންމިކަން ހާމަކޮށް ނެރެނު ވީޑިއޯއެއް މީކާއިލްގެ ފޭސްބުކްގައި ހިއްސާކުރައްވައިފައެވެ.
އެ ވީޑިއޯގައި ވާޑު ބުނީ އޭނާ މަގާމަށް ވާދަނުކުރަން ނިންމީ ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި އަދި އޭނާގެ ތާއިދު އޮތީ މީކާއިލްއަށް ކަމަށެެވެ.
"އަޅުގަނޑު އަސްލު ގަބޫލު ވެސް ކުރީ ރައީސް ނަޝީދު ފަހަތަށް ޖެހިލާފައި އަޅުގަނޑާއި މީކާއިލް އަށް ފުރުސަތު ދޭނެއޭ. އެކަމަކު އެ ފުރުސަތު އެ ބޭފުޅާއެއް ނުދެއްވި" ވާޑު ބުންޏެވެ.
މީކާއިލްއާއި ރައީސް ނަޝީދު ވެސް ވަރަށް ވަރުގަދައަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު މީކާއިލް ދަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު ވެސް އޮތީ މީކާއިލަށެވެ.