ޚަބަރު

ވިލިމާލޭގައި ތަރައްޤީކުރާ ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ވިލިމާލޭގެ ރައްޔިތުންނަށާއި މާލެ ސަރަހައްދުގައި ދަތުރުކުރާ ކަނޑު އުޅަނދުފަހަރަށް ފަސޭހަކަމާ އެކު ތެޔޮ ފޯރުކޮށްދިނުމަށްޓަކައި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް)އިން ތަރައްޤީކުރާ އައު ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެފް.އެސް.އެމްއިން ފާހަގަކުރާ ގޮތުގައި މި މަޝްރޫއަކީ ވިލިމާލޭގެ ރައްޔިތުންނަށް، ވަކިން ހާއްސަކޮށް ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ތެޔޮ ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށުނު މުހިންމު މަސައްކަތެކެވެ. މި ފިއުލް ސްޓޭޝަންގެ ހިދުމަތް ގާއިމުވުމުން، ތެޔޮ އެޅުމަށްޓަކައި މާލެއަށް ނުވަތަ އެހެން ސަރަހައްދުތަކަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އައިސް، ވަގުތާއި ހަރަދު ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެއެވެ. އަދި އެ ސްޓޭޝަނުން ޕެޓްރޯލާއި ޑީސަލްގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެފްއެސްއެމްއިން ބުނެއެވެ.

މީގެ އިތުރުން، ޖެޓީ ސަރަހައްދުން ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ފެނުގެ ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިގެންދާނެ ކަމަށާއި ޖެޓީ ސަރަހައްދުގައި ގާއިމުކުރުމަށް ނިންމާފައި ވަނީ ކަނޑު އުޅަނދުފަހަރަށް އެންމެ ފަސޭހަކަމާ އެކު ތެޔޮ އެޅޭނެ އިންތިޒާމުތަކަށް ހާއްސަ އިސްކަމެއްދީގެން ކަމަށް އެފްއެސްއެމްއިން ބުނެއެވެ.

މި މަޝްރޫއުގެ އަމާޒަކީ 55 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމައި، ހިދުމަތްދޭން ފެށުންކަމަށް އެފް.އެސް.އެމްއިން ބުނެއެވެ. އަދި މި ސްޓޭޝަންގެ މަސައްކަތް ނިމި ހިދުމަތް ދޭން ފެށުމުން، ވިލިމާލޭގެ އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

Ads by Allied Insurance