ޚަބަރު

ދުޅަހެޔޮ ސިއްހަތަކަށް ރައްކާތެރި ކާބޯތަކެތި ކަށަވަރުކުރުމަކީ މުޖުތަމައުގެ އެންމެންގެ ވާޖިބެއް: ފަސްޓް ލޭޑީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ޖަލްސާއެއްގައި ސާޖިދާ ވާހަކަ ދައްކަވަނީ

އާންމު ސިއްހަތު ހިމާޔަތްކުރުމަށްޓަކައި ރައްކާތެރި ކާނާ ބޭނުންކުރުން ކަށަވަރުކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން މިއަދު މީސްމީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި އެކަމަނާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުޅި މުޖުތަމައުގެ އެންމެން ގުޅިގެން ކުރަންޖެހޭ ކަމެއްކަމަށާއި ކާނާ އުފައްދާ ފަރާތްތަކާއި ވިޔަފާރިވެރިންގެ އިތުރުން ކާބޯތަކެތި ބޭނުންކުރާ އާންމު ރައްޔިތުން ވެސް ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ފަސްޓް ލޭޑީ އިލްތިމާސްކުރެއްވިއެވެ. އެގޮތުން، އާންމުކޮށް ތައްޔާރުކުރާ ކާނާއަކީ އިންސާނުންގެ ހަށިގަނޑަށް ގެއްލުން ނުވާނެފަދަ ގޮތަކަށް އުފައްދައި ރައްކާކުރެވިފައިވާ ބާވަތްތަކެއްކަން ޔަގީންކުރުމުގައި ކޮންމެ މީހެއްގެ ވެސް ހިއްސާއެއް އޮންނާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ފުޑް ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ސާޖިދާ ވިދާޅުވިގޮތުގައި، ކާބޯތަކެތި ތަޣައްޔަރުވުމުގެ ސަބަބުން ފެތުރޭ ނުރައްކާތެރި ބަލިތައް މަދުކޮށް، ސިއްހީ ނިޒާމަށް އުފުލަންޖެހޭ ބުރަ ލުއިކުރުމުގައި ފެންވަރު ރަނގަޅު ކާނާގެ ދައުރު ވަރަށް ބޮޑެވެ. އަދި އުފާވެރި ދުޅަހެޔޮ މާދަމާއެއް ބިނާކުރެވޭނީ އެންމެން އެކުގައި މިކަމަށް އިސްކަންދީގެންކަމަށް އެކަމަނާ ވިދާޅުވިއެވެ.

އާންމު ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ދިވެހި ސަރުކާރުން ވެސް އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ގައުމީ ފެންވަރުގައި މުހިންމު ސިޔާސަތުތަކެއް ތަންފީޒުކުރަމުންނެވެ.

Ads by Allied Insurance