ދަރަނބޫދޫގެ ފުޓްސަލް ދަނޑު ފަސްޓް ލޭޑީ ސާޖިދާ ހުޅުވައިދެއްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ފ. ދަރަނބޫދޫގެ ފުޓްސަލް ދަނޑު މިއަދު ހުޅުވައިދެއްވައިފިއެވެ.
އެކަމަނާ މި ދަނޑު ހުޅުއްވައިދެއްވީ މިއަދު ހަވީރު އެރަށަށް ޒިޔާރަތް ކުރައްވާ، ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އެކަމަނާގެ އަރިހުގައި ހެލްތު މިނިސްޓަރު ގީލާ އަލީއާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ހަމީދު އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަރަނބޫދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ މުނާސަބަތުގައި މިއަދު ހާއްސަ ފުޓްސަލް މެޗެއްވެސް ކުޅެފައިވާ އިރު އެ މެޗުފައި ބައްދަލުކުރި ދެ ޓީމަށް ހަނދާނީ ފިލާ ވެސް ސާޖިދާ ވަނީ ހަވާލުކޮށްދެއްވައިފައެވެ. އަދި އެކަމަނާ ވަނީ އެ މެޗުގައި ބައްދަލުކުރި ފ. ނިލަންދޫ އާއި ދަރަނބޫދޫގެ އުމުރުން 12އަހަރުން ދަށުގެ ދެ ޓީމުގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗު ބައްލަވާލައްވައި، ޓީމުތަކަށް ތަރުހީބު ދެއްވާފައެވެ. 1–0ގެ ނަތީޖާއަކުން މި މެޗް ކާމިޔާބު ކުރީ ފ. ނިލަންދޫގެ ޢުމުރުން 12އަހަރުން ދަށުގެ ޓީމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިއަދު ހަވީރު ފ. ދަރަނބޫދޫއަށް ވަޑައިގަތުމުން އެ ރަށުން އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.