ޚަބަރު

އަދާލަތު ޕާޓީގައި ހުއްޓަސް ވައްޑެއަށްވުރެ އެމްޑީޕީއަށް ވަފާތެރިވާނެ: އަލީ ޒާހިރު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މިއަދުގެ ބައްދަލުވުމުގައި އަލީ ޒާހިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އަދާލަތު ޕާޓީގައި ހުރި ނަމަވެސް، މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކޮށްދިޔަ މީހުންނަށް ވުރެ ވެސް އޭނާ އެމްޑީޕީއަށް ވަފާތެރި ކަމަށް އަލީ ޒާހިރު (އަލިޕީ) އިއްޔެ ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރަކީ، އެމްޑީޕީގެ މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ ފީފާ އޮފް ސްޓާފެވެ. އަދި އެ ސަރުކާރުގައި ހިނގި ބައެއް ކަންކަމުގައި މުއާމަލާތްކުރައްވަން އިސްކޮށް ހުންނަވާ އެއް ބޭފުޅަކީ ވެސް އަލީ ޒާހިރު ކަމަށްވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ބޭފުޅުން އެންމެ ބޮޑަށް އޭރު ވެސް އަދި މިހާރު ވެސް އެންމެ ބޮޑަށް ފާޑު ވިދާޅުވުން އަމާޒު ކުރައްވާ އެއް ބޭފުޅަކީ އަލީ ޒާހިރެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ތާއީދު އޮތް މީކާއިލް ޓީމުގައި ތިއްބެވީ އަލީ ޒާހިރު ފަދަ އަދާލަތު ޕާޓީގެ ބޭފުޅުން ކަމަށް، ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރެއްވިއެވެ.

"އިތުބާރު (މީކާއިލްގެ ޗެއާޕާސަން ކެމްޕެއިން ޝިޔާރަކީ އިތުބާރު) ކެމްޕެއިން މައި އޮފީސް މެނޭޖަރަކީ އަދާލަތު އަލިޕީ. އެމްޑީޕީ ވަންތަ މީހަކު އެތާކު މިހާރު ނެތް," ވައްޑެ ލިއުއްވާފައިވެއެވެ.

ވައްޑެގެ އެ ޕޯސްޓަށް ރައްދު ދެއްވަމުން އަލިޕީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގެ ތެރެއަށް ވައްޑެ އޭނާ ވެއްދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެފަދަ ވިސްނުމެއް ނެތް ކަމަށް އަލިޕީ ވިދާޅުވިއެވެ.

"ނަމަވެސް ވާހަކައެއް ދައްކަން ފަށައިފިއްޔާ ވަރަށް ގިނަ ވާހަކަ އެބަހުރި ދައްކަން. ކުރުކޮށް ބުނެލާނީ ވައްޑެއަށްވުރެ އެމްޑީޕީއަށް ވަފާތެރިވީ އަޅުގަނޑު. އަދި ކޮންމެ ޕާޓީއެއްގައި ހުއްޓަސް،" އަލިޕީ ލިއުއްވާފައިވެއެވެ.

Ads by Allied Insurance