އިގުތިސާދުގައި ބީއެމްއެލްގެ ހިއްސާ ބޮޑުކަން ފިޗްގެ އައު ރޭޓިންގްއިން ހާމަވެއްޖެ
ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގް އޭޖެންސީ ފިޗުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދީފައިވާ އައު ރޭޓިންގްގެ ސަބަބުން، ދިވެހިރާއްޖޭގެ އިގުތިސާދީ ކުރިއެރުމުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރާއި މާލީ ގޮތުން ލިބިފައިވާ ހަރުދަނާކަން ބައިނަލްއަގުވާމީ މައިދާނުގައި ކަށަވަރުވެގެން ހިނގައްޖެއެވެ.
ފިޗުން އާންމުކުރި އެންމެ ފަހުގެ ރިޕޯޓުގައި، ބީއެމްއެލްގެ 'ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް' (އައިޑީއާރު) ވަނީ 'ސީސީސީ-'އަށް ރޭޓުކޮށް، ކުރިމަގުގެ ހާލަތު 'ސްޓޭބަލް' ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ނިންމާފައެވެ. މީގެ އިތުރުން، ބޭންކުގެ އެތެރޭގެ މާލީ ހާލަތު ރަނގަޅުކަން ފާހަގަކޮށް، ރާއްޖޭގެ ސޮވްރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތިން 'ސީސީސީ+'ގެ ރޭޓިންގްއެއް 'ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު'އަށް ވަނީ ދީފައެވެ.
ބީއެމްއެލްއަށް މި ރޭޓިންގް ލިބިފައި ވަނީ، ސަރުކާރުން އަޅަމުންދާ މާލީ އިސްލާހީ ފިޔަވަޅުތަކާއި، ބޭރު ފައިސާއާ ގުޅޭ އައު ގަވާއިދުތަކަށް އަމަލުކުރަން ފެށުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި އޭޕްރީލް 2026ގައި އަނބުރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާ އެކު ހަމަޖެހުމާ ގުޅިގެން، 3 ޖޫން 2026ގައި ދައުލަތުގެ ސޮވްރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-'އަށް ވަނީ މަތިކުރެވިފައެވެ.
މިކަމާ ގުޅިގެން ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއީ މުޅި މާލީ ނިޒާމުގައި އެ ކުންފުނިން އަދާކުރާ މަރުކަޒީ ދައުރު ބަލައިގަތުން ކަމަށެވެ. ފިޗުން ވަނީ ބީއެމްއެލްގެ ފުޅާ ވިއުގައާއި، ޒަމާނީ ޑިޖިޓަލް ޚިދުމަތްތަކުގެ ފެންވަރާއި، ވިޔަފާރީގެ ފައިދާ ރަނގަޅުކަން ފާހަގަކޮށްފައެވެ. ހަމައެއާ އެކު، ހަރުދަނާ ރިސްކް މެނޭޖްމަންޓާ އެކު ރައުސުލްމާލު ވަރުގަދަކޮށް ބެހެއްޓުމުގެ ސަބަބުން، ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ބޭނުންވާ ލޯނުތަކާއި މާލީ އެހީތެރިކަން މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ގާބިލުކަން އެ ބޭންކުގައި އެބަހުރިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބީއެމްއެލްގެ މެނޭޖިންގް ޑައިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މި ރޭޓިންގްއިން ސާބިތުކޮށްދެނީ ކުދި ޖަޒީރާ ޤައުމަކަށް ދިމާވާ އިގުތިސާދީ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ބާރާއި މާލީ ސާބިތުކަން ބޭންކުގައި ހުރި މިންވަރެވެ.
އިގުތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމާއި ބޭރު ފައިސާ މެނޭޖުކުރުމުގައި ބީއެމްއެލްއަކީ ދިވެހި އިގުތިސާދުގެ އެންމެ ވަރުގަދަ އެއް ތަނބުކަން ފިޗުގެ ނިންމުމުން ވަނީ ކަށަވަރުކޮށްދީފައެވެ.