ފިލިޕީންސްއަށް އައި 8.1 ގެ ބިންހެލުމާ އެކު ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް ނެތް: މެޓް
ފިލިޕީންސްގެ މިންޑަނާއޯ ސަރަހައްދަށް ރޭ ފަތިހު 8.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ދިވެހިރާއްޖެ ހިމެނޭހެން އިންޑިއާ ކަނޑުގެ އެއްވެސް ހިސާބަކަށް ސުނާމީގެ ނުރައްކާއެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެއްވައިފިއެވެ.
ރޭ ފަތިހު 4:37ގައި ރެކޯޑުކުރެވުނު މި ބާރުގަދަ ބިންހެލުމުގެ މަރުކަޒަކީ ފިލިޕީންސްގެ ދެކުނުގައި އޮންނަ މިންޑަނާއޯ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ދިވެހިރާއްޖޭގެ މެޓް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، ބިންހެލުން އުފެދުނު ސަރަހައްދާއި ރާއްޖެއާ ދެމެދު ގާތްގަނޑަކަށް 5723 ކިލޯމީޓަރުގެ ރާސްތާއެއް ހުރެއެވެ. އެހެންކަމުން، މި ބާރުގަދަ ގުޑުމުގެ ސަބަބުން އިންޑިއާ ކަނޑުގައި ސުނާމީއެއް އުފެދުމުގެ ފުރުސަތު ނެތްކަން އެ އިދާރާއިން ވަނީ ޔަގީންކޮށްދެއްވާފައެވެ.