މަކުނުދޫގައި ތަރައްޤީކުރާ ވައިގެ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި
ހދ. މަކުނުދޫގައި ތަރައްޤީކުރާ ވައިގެ ބަނދަރުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ރަސްމީކޮށް ފަށައިފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ސައިޓް ގާއިމުކުރުމާއި، އަލިފާން ނިއްވާ މަރުކަޒު އިމާރާތްކުރާ ބިން ސާފުކޮށް ކޮނުމުގެ މަސައްކަތެވެ. މިއީ އަތޮޅުގެ އެހެން ރަށްތަކާ މުޅިން އެކަހެރިކޮށް އޮންނަ މަކުނުދޫގެ ރައްޔިތުން، ޚާއްސަކޮށް ސިއްޙީ ކުއްލި ފަރުވާއަށް ބޭނުންވާ ފަރާތްތައް އެހެން ރަށްރަށަށް އުފުލުމުގައި އާންމުކޮށް ދިމާވާ ކަނޑުގަދަވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ. ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ރަނގަޅު ދުވަސްވަރުގައި ވެސް މަކުނުދޫ ސަރަޙައްދުގެ ކަނޑުތައް އާދަޔާޚިލާފަށް ގަދަވުމަކީ އެ ރަށު މީހުންނަށް އޮތް ވަރަށް ބޮޑު ބިރުވެރިކަމެކެވެ.
މި މަޝްރޫއުގެ ތެރެއިން ކުރިން ހަދަން ނިންމާފައި ވަނީ 1500 މީޓަރުގެ ދިގުމިނުގެ ރަންވޭއެކެވެ. ނަމަވެސް، 2024ވަނަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތުގައި ވަނީ، އާންމުންގެ އެދުމާ އެއްގޮތަށް ރަންވޭގެ ބޮޑުމިން 1800 މީޓަރަށް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އިމާރާތްކުރުމުގެ މަރުހަލާ އެއްކޮށް ނިމުމުން، މި އެއާޕޯޓު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިންނެވެ.
ވައިގެ ބަނދަރު ހެދުމަށް ބޭނުންވާ ބިން ތައްޔާރުކުރުމުގެ ގޮތުން 2023ވަނަ އަހަރު ބިގް ފިޝް މޯލްޑިވްސްއާ ހަވާލުކޮށްގެން ވަނީ ބޮޑު ސަރަޙައްދެއް ހިއްކާފައެވެ. އެގޮތުން 43.12 ހެކްޓަރުގެ ބިން އަލަށް އުފައްދައި، އެ ސަރަހައްދު ރައްކާތެރިކުރުމުގެ ގޮތުން 3493 މީޓަރުގެ ދިގު ރިވެޓްމަންޓެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މި މަޝްރޫޢު ނިމުމާއެކު، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓުގެ އިތުރުން މަކުނުދޫ އެއާޕޯޓު ވެގެންދާނީ ހދ. އަތޮޅުގައި ޚިދުމަތްދޭ ތިންވަނަ ވައިގެ ބަނދަރަށެވެ.