ޚަބަރު

ވަތަނީ ހިދުމަތް ފުރިހަމަކުރި 352 ދަރިވަރުން ނެޝަނަލް ސާވިސް ޓްރެއިނިންއަށް ފުރައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ވަތަނީ ހިދުމަތް ފުރިހަމަކުރި 352ދަރިވަރުން ނެޝަނަލް ސާވިސް ޓްރެއިނިންއަށް ފުރައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 1785ޒުވާނަކު ކުރިމަތިލި ކަމަށެވެ.

އަދި އޭގެ ތެރެއިން 352ބައިވެރިން ދިވެހި ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް ޓްރޭނިންގެ ތިން ވަނަ ބެޗުގެ ތަމްރީނަށް ފުރާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ރާއްޖޭގެ 20އަތޮޅުން 115ރަށަކަށް ނިޞްބަތްވާ 64އަންހެން އަދި 288ފިރިހެން ޒުވާނުން ހިމެނެއެވެ.

އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރު، ޅ. މާފިލާފުށިގައި ތިންމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ތަމްރީނުގައި، ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަހުލާގާއި ސުލޫކު، ލީޑާޝިޕް، އަދި ހަށިހެޔޮކަމުގެ ގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން އެ ޒުވާނުންނަށް ތަމްރީނު ދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކުރިޔަށް ގެންދާ ދިވެހި ވަޠަނީ ހިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު"ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance