ޝަމްޢާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫން. މައްސަލަ ސާފުކޮށްދޭން ފުލުހުންނަށް އަންގައިފިން: އިޙްސާން
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަމާޒުކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާން ވަޙީދު ސޯޝަލް މީޑިއާގައި ކުރައްވަމުން ގެންދަވާ ބޮޑެތި ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވިދާޅުވެ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެކަންކަން ދޮގުކުރައްވައިފިއެވެ.
ވަޒީރު އިޙްސާން "އެކްސް"ގައި އާންމުކުރެއްވި މެސެޖެއްގައި ބަޔާންކުރައްވާފައިވާ ގޮތުން، ޝަމްޢާން ފަތުރަމުންދަނީ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ނެތް، ބޭނުމެއް ނެތް ދޮގު ވާހަކަތަކެކެވެ. މީގެ އިތުރުން، އޭނާ ފްރޭމްކޮށްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ވެސް ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ހެކިތަކުން ކަނޑައެޅިގެން ދޮގުކަން ސާބިތުވާ ކަންތައްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ހަގީގަތް އޮޅުންފިލުވައިދީ، ރައްޔިތުންނަށް ސާފު މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާރު އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ފޭސްބުކް މެދުވެރިކޮށް ޝަމްޢާން އާންމުކުރެއްވި ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި ތުހުމަތުކޮށްފައި ވަނީ، ވަކި ބަޔަކަށް މަންފާވާގޮތަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމު ވިއްކާލުމަށް ވަޒީރު އިޙްސާން މަސައްކަތްކުރެއްވި ކަމަށެވެ. ހަމައެއާ އެކު، ބިދޭސީންނަށް ވޯކް ޕާމިޓާއި ކޯޓާ ދޫކުރުމުގެ ތެރެއިން ބޮޑެތި ރިޝްވަތުތަކެއް ނަގަމުންދާކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
އެ ނިންމުންތަކާ ދެކޮޅު ހެދުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގުޅުއްވައި އިންޒާރު ދެއްވިކަމަށް ޝަމްޢާން ބުނެފައިވެއެވެ. އަދި ބަންޑާރަނައިބު އަޙްމަދު އުޝާމްގެ ބައިވެރިވުން މިކަމުގައި އޮތްކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.
ޝަމްޢާން އިތުރަށް ބުނެފައިވާ ގޮތުގައި، ފާއިތުވި ޖެނުއަރީ މަހުގެ 16ވަނަ ދުވަހު މި މައްސަލަތައް ރައީސްގެ ސަމާލުކަމަށް ގެނައުމުން، އެސްޓޯނިއާގައި ހުންނަވައިގެން ރައީސް ވަނީ ވަޒީރު އިޙްސާން ގާނޫނާ ޚިލާފު އަމަލެއް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ޝަމްޢާންގެ އެ އަމަލުތަކަކީ ޒާތީ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.