ޚަބަރު

ފުލުހުންގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި އޮފިސަރު ނިޔާވުމުން ރައީސްގެ ތައުޒިޔާ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮޓޯ: ރައީސް އޮފީސް

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ނިޔާވި ޕޮލިސް އޮފިސަރު ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ތައުޒިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ މަގާމުގެ ވާޖިބު އަދާކުރެއްވުމަށް ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތް ކުރަމުންދަނިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެހީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި މަރުހޫމުގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި ދިވެހި ފުލުހުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުުރުން ރައީސްގެ އެ ޕޯސްޓުގައި ވަނީ މަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާފައެވެ.

އާސިފް ނިޔާވީ ރޭ ދަންވަރު ލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭ ދަންވަރު "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލުނުކަން ސަމާލުކަމަށް އައުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ. އާސިފްގެ ހަށިގަނޑު ފެނުނީ އޭނާ  ހޯދުމުގެ މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ކަމަށެވެ. ފެނުމާ އެކު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ސިއްހީމަރުކަޒުން މައުލޫމާތުދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ads by Allied Insurance