ޚަބަރު

އާރްޓީއެލް ފެރީގެ ޚިދުމަތް ހޯދި ފަސިންޖަރުންގެ އަދަދު 1.6 މިލިއަނަށް އަރައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އެމްޓީސީސީ

އާރްޓީއެލް ހައިސްޕީޑް ފެރީގެ ޚިދުމަތް 1.6 މިލިއަނަށްވުރެ ގިނަ ރައްޔިތުން ހޯދާފައިވާކަމަށް އިޤުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެ ވުޒާރާގެ ނައިބު ވަޒީރު އިބްރާހީމް ޔާސިރު ވިދާޅުވީ، ދަތުރުފަތުރުގެ ތަފާސްހިސާބުތައް ސަރުކާރުން ވަރަށް ގާތުން މޮނިޓަރކުރަމުންދާ ކަމަށާއި، މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބެމުންދަނީ އެންމެ ފުރަތަމަ މި ޚިދުމަތް ފެށުނު ޒޯން 1 ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުން ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އެއްހާސް މީހުން ފެރީގެ ޚިދުމަތް ބޭނުންކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ 15 އަތޮޅެއްގައި މިހާރު ވެސް އާރްޓީއެލްގެ ޚިދުމަތް ކާމިޔާބުކަމާ އެކު ދެމުން އަންނައިރު، މި ވިއުގައާ ނުގުޅި އޮތީ އެންމެ ފަސް އަތޮޅެވެ. ޔާސިރު ވިދާޅުވި ގޮތުގައި، މި ހިނގާ މަހުގެ ތެރޭގައި މ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެކަމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބޭނުންވާ މަޢުލޫމާތު ދިނުމުގެ ސެޝަންތައް އެމްޓީސީސީން އެ އަތޮޅުގެ ރަށްރަށުގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ އަތޮޅުގައި ވެސް ޚިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ބާރު ސްޕީޑުގައި ދަނީ މަސައްކަތް ކުރަމުންނެވެ.

ސިއްހީ ފަރުވާއަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ރައްޔިތުން ކުރަންޖެހޭ ދަތުރުތަކަށް އާރްޓީއެލްގެ ސަބަބުން ބޮޑު ލުއިފަސޭހަކަމެއް ވަނީ ލިބިފައެވެ. އަތްފޯރާ ފަށުގައި މި ޚިދުމަތް ލިބެން ހުރުމަކީ އާންމުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މުޅި ރާއްޖެ އާރްޓީއެލްގެ ފުރިހަމަ ވިއުގަޔަކުން ގުޅާލުމެވެ.

Ads by Allied Insurance