ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފި
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ބަނގުލަދޭޝްއަށް ނިސްބަތްވާ އަންތަރު މޮއްލާ(28އ)އެވެ.
އެ މައްސަލައިގައި އޭނާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކުރަން ވެސް އަމުރުކޮށްފައެވެ. އެއީ ކުށުގެ އަމަލު ހިންގި ތަނާއި އަމަލު ހިންގުމުގައި ބޭނުންކުރި ވަސީލަތްތަކާއި ލިބުނު އަނިޔާއަށް ބަލާއިރު ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ހާލަތު ފުރިހަމަވާކަމަށް ފެންނާތީ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ނަމަވެސް އެ މައްސަލައިގެ ސީދާ ތަފްސީލެއް ބަންދު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.
ބަންދު އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުން އެ މައްސަލައިގައި އަންތަރުއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވެއެވެ.
އެގޮތުން އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި ހެކިންގެ ބަހާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް އަދި ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިވެއެވެ.