ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ޑީންސް އެވޯޑުގެ ޝަރަފު ހަތަރު ނޫސްވެރިއަކަށް
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާޓްސް އިން ކޮންމެ ސެމިސްޓާއަކު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ ޝަރަފުވެރި "ޑީންސް އެވޯޑް"މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އިން މަތީ ތައުލީމު ހާސިލުކުރަމުންދާ ރާއްޖޭގެ ހަތަރު ނޫސްވެރިއަކު މިއަދު ހާސިލުކޮށްފިއެވެ.
އެ ޔުނިވަސިޓީގައި މިއަދު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި، މި ފަހުރުވެރި ކާމިޔާބީ ހޯދި ދަރިވަރުންނަށް އެވޯޑުގެ ލިޔުންތައް ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީއެވެ. މި އެވޯޑަކީ ކޮންމެ ސެމިސްޓާއެއް ނިމުމުން، ތައުލީމީ ގޮތުން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުން ހޯދާ ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ފެކަލްޓީތަކުން ދެމުން އަންނަ ހާއްސަ އިނާމެކެވެ.
ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުން މިފަހަރު ޑީންސް އެވޯޑު ހާސިލުކުރި ނޫސްވެރިންގެ ތެރޭގައި ހިމެނެނީ، "ވޮއިސް"ނޫހުގެ ޗީފް އެޑިޓަރު ޝަފްރާޒް އަހުމަދު ހުސައިން އާއި، ދައުލަތުގެ މީޑިއާ (ޕީއެސްއެމް)ގައި މަސައްކަތްކުރަމުން އަންނަ ދެ ނޫސްވެރިން ކަމަށްވާ އާމިނަތު ޝާޒިޔާ އަދި ޝިފްނާ އަހުމަދުގެ އިތުރުން 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރެވެ.