ސިއްޙަތު

ފެޓީ ލިވަރ އިން ރައްކާތެރިވުމަށާއި ލިވަރ އެންޒައިމްސް ދަށްކުރުމަށް އެހީވެދޭ 5 އާދައެއް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުންނާއި، ޕްރޮސެސްކޮށްފައިވާ ކާނާ ކެއުމާއި، ގިނައިރު އިށީނދެ ތިބުމާއި، ހެލިފެލިވެ ނޫޅުމުގެ އިތުރުން ނިދި މަދުވުމުގެ ސަބަބުން ނޮން-އަލްކޮހޮލިކް ފެޓީ ލިވަރ ޑިޒީސް (އެން.އޭ.އެފް.އެލް.ޑީ)ނުވަތަ ފެޓީ ލިވަރގެ މައްސަލަތައް ދުނިޔޭގައި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ޒުވާނުންގެ މެދުގައި ވެސް އާންމުވަމުން އަންނަ އަދި އަލާމާތްތައް ނުފެނި ސިއްރުން ފެތުރޭ މި ބަލީގެ ސަބަބުން، ފުރަމޭގެ މަސައްކަތްތަކަށާއި މީހާގެ މެޓަބޮލިކް ސިއްހަތަށް ނޭދެވޭ އަސަރުކުރެއެވެ. ނަމަވެސް، ދުވަހުގެ އާދަތަކަށް ގެނެވޭ ބަދަލުތަކަކުން ފުރަމޭ ރައްކާތެރިކުރުމުގެ ފުރުސަތު އޮވެއެވެ.

ޑރ. ސޫދް ވިދާޅުވިގޮތުގައި، ކޮފީ ބުއިމާއި، އޮމެގާ-3 އާއި ބަރބެރީން ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ޕްރޮޓީން ކެއުމާއި، ކެއުމަށް ފަހު ހިނގުމަކީ ފުރަމޭގެ ސަރުބީ ދަށްކޮށްދީ ލިވަރ އެންޒައިމްތައް ރަނގަޅުކޮށްދޭ ކަންކަމެވެ. އެހެންނަމަވެސް، މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ކަންކަމުގެ ތެރޭގައި އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކުރުމާއި، ގަވާއިދުން ކަސްރަތުކުރުން، ރިފައިންޑް ކާބޯހައިޑްރޭޓްސް އަދި ބަނގުރާ ބޭނުންކުރުން މަދުކުރުމުގެ އިތުރުން އެކަށީގެންވާ މިންވަރަކަށް ބަރުދަން ލުއިކުރުން ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

1. ކޮންމެ ދުވަހަކު ކޮފީ ބުއިން
ކޮފީގައި އެކުލެވޭ ޕޮލިފެނޯލްސް އާއި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ލިވަރ އެންޒައިމްސް ދަށްކޮށްދީ، ފުރަމޭއަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދެއެވެ.
"ކޮފީ އަކީ އޭ.އެލް.ޓީ، އޭ.އެސް.ޓީ އަދި ޖީ.ޖީ.ޓީ ލެވެލްތައް ދަށްކުރުމާ ގުޅިފައިވާ ބުއިމެކެވެ. މީގެ އިތުރުން ފައިބްރޯސިސްގެ ނުރައްކާ ވެސް ކުޑަކޮށްދެއެވެ. އޭގައި އެކުލެވޭ ކެފެއިން، ޕޮލިފެނޯލްސް އަދި ކްލޮރޮޖެނިކް އެސިޑްގެ ސަބަބުން އޮކްސިޑޭޓިވް ސްޓްރެސް ކުޑަކޮށްދީ، އިންސިއުލިން ސިގްނަލިންގ ރަނގަޅުކޮށްދެއެވެ. އަދި ފުރަމޭގެ ފެޓް މެޓަބޮލިޒަމްއަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއެވެ،" ޑރ. ސޫދް ވިދާޅުވިއެވެ.

2. އޮމެގާ-3 ބޭނުންކުރުން
ޑރ. ސޫދް ފާހަގަކުރެއްވި ގޮތުގައި އީ.ޕީ.އޭ އަދި ޑީ.އެޗް.އޭ ފަދަ އޮމެގާ-3 ފެޓީ އެސިޑްސް ބޭނުންކުރުމަކީ ފުރަމޭގައި ސަރުބީ ޖަމާވުން މަދުކޮށްދީ ފެޓީ ލިވަރ އިން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
އޭނާ ވިދާޅުވީ، "އީ.ޕީ.އޭ އަދި ޑީ.އެޗް.އޭ އިން ލިޕޮޖެނެސިސް ދަށްކޮށްދީ، ފެޓީ އެސިޑް އޮކްސިޑޭޝަން އަށް އެހީތެރިވެދިނުމުގެ ސަބަބުން ފުރަމޭގެ ސަރުބީ މަދުކޮށްދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ލައިފްސްޓައިލް އަށް ގެނެވޭ ބަދަލުތަކަކާ އެކު އޮމެގާ-3 ބޭނުންކުރުމުން ޓްރައިގްލިސެރައިޑްސް ރަނގަޅުކޮށްދީ، ފުރަމޭގައި ސަރުބީ ޖަމާވާ މިންވަރު ދަށްކޮށްދެއެވެ."

3. ބަރބެރީން ބޭނުންކުރުން
ގަސްގަހާގެހިން ނަގާ މާއްދާއެއް ކަމަށްވާ ބަރބެރީން އަކީ އިންސިއުލިން ރެސިސްޓެންސް އާއި ލިޕިޑް މެޓަބޮލިޒަމް އަދި ގްލޫކޯޒް ރެގިއުލޭޝަން ރަނގަޅުކޮށްދޭ ސަޕްލިމެންޓެކެވެ.
"ބަރބެރީން އަކީ އިންސިއުލިން ރެސިސްޓެންސް އާއި ލިޕިޑް މެޓަބޮލިޒަމް އަދި ގްލޫކޯޒް ރެގިއުލޭޝަން ރަނގަޅުކޮށްދޭ އެއްޗަކަށް ވާތީ، އެން.އޭ.އެފް.އެލް.ޑީ އާ ގުޅޭގޮތުން މީގެ ދިރާސާތައް ކުރެވިފައިވެއެވެ. މީގެ އެންމެ ބޮޑު ފައިދާއެއް ގުޅިފައިވަނީ އޭ.އެމް.ޕީ.ކޭ އެކްޓިވޭޝަންއާއެވެ. އެއީ ހަށިގަނޑުގެ ހަކަތަ ބޭނުންކުރުން އިތުރަށް ފުރިހަމަކޮށްދީ، ސަރުބީ އުފައްދާ މިންވަރު މަދުކޮށްދޭ ކަމެކެވެ،" ޑރ. ސޫދް ހާމަކުރެއްވިއެވެ.

4. ކޮންމެ ކެއުމެއްގައި 30 އާއި 40 ގްރާމާ ދެމެދުގެ ޕްރޮޓީން ހިމެނުން
ކޮންމެ ކެއުމެއްގައި މަދުވެގެން 30 ނުވަތަ 40 ގްރާމްގެ ޕްރޮޓީން ހިމެނުމަށް ޑޮކްޓަރު ލަފާދެއްވައެވެ. މިއީ ބަނޑުހައިވުން ކުޑަކޮށްދީ، މަސްތައް ވަރުގަދަކޮށް ބެހެއްޓުމަށާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު ކޮންޓްރޯލްކުރުމަށް މުހިންމު ކަމެކެވެ.
ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި، "މަސްތަކުގެ ބަރުދަން ލުއިވުމަކީ އެން.އޭ.އެފް.އެލް.ޑީ ގެ ނުރައްކަލާ ގުޅިފައިވާ ކަމަކަށް ވާއިރު، މަސްތައް ރައްކާތެރިކުރުމަކީ ފުރަމޭގެ މެޓަބޮލިޒަމް ސިއްހަތު ރަނގަޅުކޮށްދޭ ކަމެކެވެ."

5. ކެއުމަށް ފަހު ހިނގާލުން
ކެއުމަށް ފަހު ހިނގާލުމަކީ ހަށިގަނޑުގައި ދައުރުވާ ގްލޫކޯޒް މަސްތަކަށް ފަސޭހައިން ނަގައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ ސަބަބުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ކުއްލިއަކަށް މައްޗަށް ދިއުން ހުއްޓުވައިދީ، އިންސިއުލިން ބޭނުންވާ މިންވަރު ދަށްކޮށްދެއެވެ.
ޑރ. ސޫދް ބާރުއަޅުއްވައި ވިދާޅުވީ، "ކެއުމަށް ފަހު ހިނގާލުމުން، ހަށިގަނޑުގައި ދައުރުވާ ގްލޫކޯޒް މަސްތަކުން ބޭނުންކުރުމަށް އެހީވެދެއެވެ. މީގެ ސަބަބުން ކެއުމަށް ފަހު ގްލޫކޯޒް މައްޗަށްދާ މިންވަރު ދަށްކޮށްދީ، އިންސިއުލިން ބޭނުންވާ މިންވަރު ކުޑަކޮށްދެއެވެ. އަދި އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުވުމުން، ފުރަމޭގައި ސަރުބީ ޖަމާވުމަށް މެދުވެރިވާ މެޓަބޮލިކް ސިގްނަލްތައް މަދުވެގެންދެއެވެ."

މި ކިޔުމަކީ ހިންދުސްތާން ޓައިމްސް (އެޗް.ޓީ) ގެ ލައިފްސްޓައިލް ނޫސްވެރިޔާ އީޝާނާ ސާހާ، މީސްމީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. އެޗް.ޓީ އިން މިކަންކަން މިނިވަންކަމާ އެކު ކަށަވަރުކޮށްފައެއް ނުވެއެވެ. ސިއްހީ މައްސަލަތަކުގައި އަބަދުވެސް ޕްރޮފެޝަނަލް ޑޮކްޓަރުންގެ ލަފާ ހޯދުމަކީ އެންމެ ރައްކާތެރި ގޮތެވެ.