ޚަބަރު

ރޭ ކުރި ވިއްސާރައިގައި މާފަރުގެ 10 ގެއަކަށް ފެންވަދެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފޮޓޯ: އެމްއެންޑީއެފް

ރޭގައި ކުރި ވިއްސާރާގައި ނ. މާފަރުގެ 10 ގެއަކަށް ފެންވަދެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން "ދެން"އަށް މައުލޫމާތު ދެއްވި ގޮތުގައި ރޭގައި ވެހުނު ވާރޭގެ ސަބަބުން ބޮޑުވި ފެންގަނޑު ހިނދުނީ ދަންވަރު 00:15 ކަމަށާއި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް، ފުލުހުން އަދި ރަށުގެ މުއައްސަސާތައް ގުޅިގެން ކުރި ކަމަށެވެ. އެގޮތުން ޕަންޕު ބޭނުންކޮށްގެންނާއި ކޯރުކޮނެގެން ފެން ހިންދުމުގެ މަސައްކަތް ކުރި ކަމަށާއި، އަދި ފެން ވަނުން ހުއްޓުވުމަށް ގޭގޭގައި ވެލިބަސްތާ ޖަހާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފެންބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ހުސްކޮށްފައި ނުވާ ކަމަށައި ޑާލާ ޕޯޓަލް މެދުވެރިކޮށް ހާދިސާ ހުށަހެޅުމަށް ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މާފަރުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި އިއްޔެ ހަވީރު 15:35 އިން ފެށިގެން ރޭ ދަންވަރު 00:15 އާ ހަމަޔަށް ސިފައިން ހަރަކާތްތެރިވެފައިވެއެވެ. އަދި އެ ރަށުގެ އެކި ސަރަހައްދުގައި ގާތްގަނޑަކަށް 130 ވެލިބަސްތާ ގޯނި ޖަހާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.