ޚަބަރު

ވަތަނީ ހިދުމަތުގެ ދަސްވެނީންނަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަ ކުރި ވަތަނީ ހިދުމަތުގެ ދަސްވެނީން

ވަތަނީ ހިދުމަތުގެ 100އަށް ވުރެ ގިނަ ދަސްވެނީންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ އިނީޝިއަލް ތަމްރީނު ގެ ފުރަތަމަ ބެޗު ނިންމާ އެކި ދާއިރާއިން ވާޒީފާ އަށް ހުޅުވާލި ފުރުސަތުގައި ސިފައިންގެ ހިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގި ތަމްރީނު ކޯހުން 137ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ.

މިއީ ސިފައިންގެ 72ވަނަ އަސާސީ ތަމްރީނު ކޯސް ކަމަށާއި ރާއްޖޭގެ 20އަތޮޅެއްގެ 70ރަށަކަށް ނިސްބަތްވާ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ތަމްރީނު ފުރިހަމަކުރި އެންމެހާ ޒުވާނުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރައްވާފައެވެ.

ދިވެހި ވަތަނީ ހިދުމަތަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށް ރައީސް ވިދާޅުވާ ވާހަކަ މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ރާއްޖޭގެ 108ރަށަކަށް ނިސްބަތްވާ 350ދަރިވަރުން ބައިވެރިވިއެވެ. ދެވަނަ ބެޗުގައި 112ރަށަކަށް ނިސްބަތްވާ 343ބައިވެރީން ވަނީ ދަސްވެނިވެފައެވެ. ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުން ދަސްވެނިވި 63ބައިވެރިއަކު ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާފައިވާއިރު ދެވަނަ ބެޗުން ދަސްވެނިވި ރާއްޖޭގެ 17އަތޮޅެއްގެ 50ރަށަކަށް ނިސްބަތްވާ 77ޒުވާނުން ވަނީ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫ އަށް މި ފަހުން ގޮސްފައެވެ.