ޚަބަރު

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް އަލުން ފުރުސަތު ހުޅުވާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ފާއިތުވި އޭޕްރީލް މަހުގެ 13ވަނަ ދުވަހު ވެސް މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާނުކުރިއެވެ. ނަމަވެސް، އަލަށް ގެނެވުނު ޤާނޫނީ ބަދަލުތަކާ އެކު މުއައްސަސާގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އައު އިޞްލާޙުތައް ޢަމަލީގޮތުން ތަންފީޒުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅަކު ހޯދުމުގެ މަޤްޞަދުގައި އަލުން ފުރުސަތު ހުޅުވާލީކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތުދެއެވެ. ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރެވޭ އައު ސީއީއޯގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކަށް ވާނީވެސް މި ބަދަލުތައް ނިޒާމުގެ ތެރެއިން ރޭވުންތެރިކަމާ އެކު ހިންގުމެވެ. މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް އެ އޮފީހުން ވަނީ ކަނޑައަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހު ތަޞްދީޤުކުރެއްވި ބިލުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި، ދައުލަތުން ދޭ އަސާސީ ޕެންޝަންގެ ޢަދަދަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އަސާސީ ޕެންޝަން ނުލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި، ޕެންޝަން ލިބެމުންދާ މީހަކު ދައުލަތުގެ އިންތިޚާބީ މަޤާމަކަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއަކަށް އައްޔަންވެއްޖެ ހިނދެއްގައި ވެސް އެ އިނާޔަތް ކެނޑޭނެއެވެ. މީގެ އިތުރުން، އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ބޭންކުތަކާއި މާލީ އިދާރާތައް މެދުވެރިކޮށް ނަގާ ލޯނުތަކުގެ ޑައުންޕޭމަންޓަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ އިންތިޒާމު ވެސް މި ޤާނޫނުގެ ދަށުން ވަނީ ފަހިކޮށްދީފައެވެ.

މި އިޞްލާޙުގައި ހިމެނޭ އަނެއް މުހިންމު ކަމަކީ، ފަރުވާކުރި ނަމަވެސް އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިހުރުމުގެ އުންމީދު ކުޑަކަމަށް ޚާއްޞަ ޑޮކްޓަރުން ކަނޑައަޅާ "ޓަރމިނަލް އިލްނަސް" ގެ ޙާލަތްތަކުގައިވާ ބަލިމީހުންނަށް، އެމީހެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް އެއްފަހަރާ ނެގޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ހަމައެހެންމެ، މުސްތަޤުބަލުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ޖާގަ ކަށަވަރުކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ އުޞޫލެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މި ބަދަލުތަކާ ގުޅިގެން ޢަމަލުކުރާނެ މިންގަނޑުތަކާއި ޤަވާޢިދުތައް އެކުލަވާލުމުގެ ބާރު، މާލީ ވުޒާރާގެ ލަފާގެ މަތިން ދީފައި ވަނީ ޕެންޝަން އޮފީހުގެ ބޯޑަށެވެ.